20 Apr 2011, 09:22
ލަންޑަން : ރައްޔިތުންގެ އުތުރިއެރުންތަކާ ކުރިމަތިވެ ވަޑައިގެންފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ޢަސްކަރީ ލަފާ ދިނުމަށްޓަކައި ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކަށް ޢަސްކަރީ ތަޖްރިބާކާރުން ފޮނުވަން ހަމަޖެހިފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ހާމަކުރެއްވި ގޮތުގައި ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކަށް ޢަސްކަރީ ތަޖްރިބާކާރުން ފޮނުވުމުގެ ބޭނުމަކީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުމުގެ އިތުރުން ޢާންމުން ޙިމާޔަތް ކުރުމަށް ބޭނުންވާ ޖާސޫސީ އެހީ އިދިކޮޅު ފަރާތްތަކަށް ފޯރުކޮށް ދިނުމުގައި ވިލަރެސް ކުރުމެވެ.
ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން މިކަމަށް މަރްޙަބާ ކީނަމަވެސް ގައްޒާފީގެ ސަރުކާރުންވަނީ މިއީ ޢުދުވާނީ ނިޔަތެއްގެ ދަށުން އިނގިރޭސީން ހިންގަން ގަސްދުކުރާ ޢަމަލުތަކެއްގެ ފެށުންކަމަށްބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އަނެއްކޮޅުން ލީބިޔާގައި އަހްލީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އިންސާނީ މުސީބާތެއް ކުރިމަތިަމުންދާކަމުގެ އިންޒާރު ބައިނަލްއަޤްވާމީ ފަރާތްތަކުންވަނީ ދީފައެވެ. މިއިންޒާރަށް އިޖާބަ ދިނުމުގެ ގޮތުން ވޯލްޑް ފުޑް ޕްރޮގްރާމުން ގެންދަނީ މިސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ އަމާން މަގުތަކެއް ހުޅުވޭތޯ ލީބިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާ ވާހަކަ ދައްކަމުންނެވެ.
ލީބިޔާގެ ސާޙިލްގެ ރަށެއްކަމަށްވާ 5 ލައްކަ މީހުން ދިރިއުޅޭ މިސްރާތާއިން ފެނާއި ކަރަންޓްގެ ޚިދްމަތް ކަނޑާލާފައިވާތާ މިހާރުވަނީ ދޮޅުމަސްދުވަސްވެފައެވެ. އެރަށުގެ ހަސްފަތާލުތަކުގައި ބޭހާއި ޑަކްޓަރީ ސާމާނު މަދުވުމުގެ ސަބަބުން ބޭސްފަރުވާގެ ކަންތައްވެސް ބޮއްސުންލާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ލީބިޔާއަށް އިނގިރޭސި ޢަސްކަރީ ތަޖްރިބާކާރުން ފޮނުވަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެންނެވެ. ފުރަތަމަ ބުރުގައި ފޮނުުމަށް ހަމަޖެިހިފައިވަނީ 10 އޮފްސަރުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (ބީ.ބީ.ސީ)