01 Feb 2016, 15:14
ޖެނީވާ (ފެބްރުއަރީ 1): މިދިޔަ އަހަރުގެ ޑިސެމްބަރު މަހު "ދުނިޔޭގެ އެންމެ މޮޅު ރެސްޓޯރެންޓު"ގެ ލަގަބު ލިބުނު ސްވިޒަލެންޑްގެ ރެސްޓޯރެންޓުގެ ވެރިޔާ އަދި ކައްކާ، ބެންވާ ވަޔޯލިއާ މަރުވެއްޖެ އެވެ.
ސާޅީސް ހަތަރު އަހަރުގެ ވަޔޯލިއާ މަރުވެފައި އޮއްވާ ފެނުނީ ސްވިޒަލެންޑުގައި ހުންނަ އޭނާގެ ގެއިންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މަރުވި ކަމަށް ލަފާ ކުރެވެނީ އަމިއްލަ ގަޔަށް ބަޑި ޖަހައިގެންނެވެ. ފުލުހުން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.
ދުނިޔޭގެ 48 ގައުމެއްގެ ރެސްޓޯރެންޓުތަކުގެ ތެރެއިން އެންމެ މޮޅު ރެސްޓޯރެންގެ ގޮތުގައި ފާހަގަކޮށްފައިވާ އެ ރެސްޓޯރެންޓުގައި ވަޔޯލިއާ މަސައްކަތް ކުރަން ފެށީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރެސްޓޯރެންޓުގެ ކުރީގެ ވެރިޔާ މަގާމުން ދުރުވުމުން އެރެސްޓޯރެންޓުގެ ހިންގުމާ ވަޔޯލިއާ އާއި އޭނާގެ އަންހެނުން ބްރިޖިޓް އެވެ.
ފްރާންސަށް އުފަން ވަޔޯލިއާ ސްވިޒަލެންޑުގެ ރަށްވެއްސަކަށްވީ މީގެ ދެއަހަރު ކުރިންނެވެ.
ވަޔޯލިއާގެ މަރާ ގުޅިގެން ކެއްކުމުގެ ދާއިރާ އިން މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. (ޓައިމް)