01 Feb 2016, 14:48
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފެއްދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިއަދު ނެރެއްވި ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީން ތިންލައްކައަށް ވުރެ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އޭނާއާ އެއްވެސް ގުޅުމެއް ހުރި މުއާމަލާތެއް ނޫން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު އެމްއެމްޕީއާރްސީއާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވާނެ އެވެ. އަދި މިހާރު ޝޯޝަލް މީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުގައި މިކަމާ ގުޅޭ ގޮތުން ދައުރުވަމުންދާ ފޮޓޯތަކަކީ ވެސް އަޅުގަނޑުގެ ވިޔަފާރިއާ އެއްވެސް ގުޅުމެއް ހުރި ފޮޓޯތަކެއް ނޫނެވެ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިއާތަކުން އެގޮތަށް ހަބަރު ފަތުރައި އޭނާގެ ނަމަށް ހުތުރުވާ ފަދަ ގޮތަކަށް އެ ވާހަކަތައް ފަތުރާފައި ވަނީ އޭނާގެ ބަހެއް އެއްވެސް ވަރަކަށް ހޯދާފައި ނޫން ކަމަށެވެ.
"އަދި ކުރިއަށް އޮތް ތާނގައި މިފަދަ ހަބަރުތައް ފަތުރާއިރު ކަމުގެ ހަގީގަތް ސާފު ކުރެއްވުމަށް ރާއްޖޭގެ މީޑިއާތަކަށް އަޅުގަނޑު އިލްތިމާސްކުރަމެވެ." ރިޔާޒު ނެރުއްވި ބަޔާނުގައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަނީ އެމްއެމްޕީއާރުސީގެ ފައިސާތަކެއް ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ.