01 Feb 2016, 14:46
އޮސްޓްރިއާގެ ދެ ވަނަ ޑިވިޝަންގައި ކުޅުނު ދިވެހި ކުޅުންތެރިޔާ މަނިއޫ ރައޫފް ކުރިއަށް އޮތް ސީޒަންގައި ވިކްޓްރީއަށް ކުޅެން ސޮއިކޮށްފި އެވެ.
މަނީއުއަކީ ދިވެހި ފިރިހެނަކާއި އޮސްޓްރިއާގެ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ. އޭނާ ވަނީ އޮސްޓްރިއާގެ ދެ ވަނަ ޑިވިޝަންގެ ދެ ކުލަބެއް ކަމަށްވާ ޑޮނާފީލްޑް އެސްއާރްއާއި އެފްއޭސީއަށް ކުޅެފަ އެވެ.
އެފްއޭސީއަށް ކުޅުނު އިރު އޭނާ ވަނީ އެ ޓީމާއެކު ހަންގޭރީގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކާ ދެކޮޅަށް ކުޅެފައެވެ.
ވިކްޓްރީއާއެކު މަނީއު ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މިއީ އޭނާގެ ޕްރޮފިޝަނަލް ކެރިއާގައި ދިވެހި ކުލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.
ވިކްޓަރީގެ ކޮންޓރެކްޓްގައި ސޮއި ކުރުމަށްފަހު ސަންއާ ވާހަކަ ދައްކަމުން މަނީއު ބުނީ ވިކްޓްރީގައި އޭނާގެ ފެންވަރު ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.
އުންމީދަކީ ދިވެހި ގައުމީ ޓީމުން ޖާގައެއް ހޯދުން ކަމަށް އުމުރުން 18 އަހަރުގެ މަނީއު ބުންޏެވެ.
އޭނާ މިވަގުތު ހުރީ މަސަލްސް އިންޖަރީއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އޭނާ ބުނީ ދެ ހަފުތާ ތެރޭ އަލުން ޕްރެކްޓިސް ފަށާނެ ކަމަށާއި ދިވެހި ފުޓްބޯޅައަށް ޚިދުމަތް ކޮށްދެން ބޭނުންވާ ކަމަށެވެ.
މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނިގެން މަނީއު ވަނީ ގައުމީ ޓީމް ޕްރެކްޓިހަށް ނިކުމެފައެވެ. ނަމަވެސް ފައިނަލް ސްކޮޑުން އޭނާއަށް ޖާގަ ނުލިބުނީ ޓީމާއެކު މަދު ދުވަސް ކޮޅެއް ހޭދަ ކުރެވުމުންނެވެ.
އޭރު ގައުމީ ޓީމް ޕްރެކްޓިހުގައި ބައިވެރިވި ސީނިއާ ކުޅުންތެރިޔަކު ބުނީ ޕްރެކްޓިހުގައި ވެސް މަނީއުގެ މަސައްކަތުގެ ރޭޓް ރަނގަޅު ކަމަށާއި އޭނާގެ ކިބައިގައި ފުޓްބޯޅައިގެ ގިނަ ހުނަރުތަކެއް ހުރި ކަމަށެވެ.