20 Apr 2011, 09:01
އެމެރިކާގެ ރައީސް ބަރަކް ހުސައިން އޮބާމާއަކީ ރައީސްކަމުގެ މުސާރައިގެ އިތުރުން އަމިއްލަ ފުޅު މަސައްކަތުން ވެސް އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އޭނާ ކުރައްވާ ކަމަކީ ފޮތް ލިއުއްވުމެވެ.
ރައީސް އޮބާމާ ލިއުއްވި "ޑްރީމްސް ފްރޮމް މައި ފާދާ" އާއި "ދި އޮޑޭސިޓީ އޮފް ހޯޕްސް" ފަދަ ފޮތް ތަކަކީ ކުރިން ވަރަށް ރަނގަޅަށް ވިކެމުން ދިޔަ ފޮތްތަކެވެ. އެކަމަކު މިދިޔަ އަހަރު އެ ފޮތްތަކުގެ ވިޔަފާރި ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް އޮބާމާ އޭނާގެ އާމްދަނީގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި އޭނާއަށް ލިބިވަޑައިގަންނަވާ އާމްދަނީ ޓެކްސްގެ އިންކަމް ޓެކްސްގެ އެންމެ މަތީ މިންވަރު ނެގުމަށް ފަސޭހަކަމާ އެކު ޝަރުތު ހަމަވި އެވެ.
އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝޭލްއަށް މިދިޔަ އަހަރު 1.7 މިލިޔަން ޑޮލަރު ލިބިވަޑައިގެންފައި ވާއިރު އޭގެ ތެރެއިން ބޮޑު ބައެއް ލިބިފައި ވަނީ ފޮތުގެ ވިޔަފާރިންނެވެ.
އޮބާމާ އާއިލާއިން އެމެރިކާގެ ސަރުކާރަށް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައްކާފައި ވަނީ 453770 ޑޮލަރެވެ. އެއީ 26 ޕަސެންޓްގެ ޓެކްސް ރޭޓަކުންނެވެ. ނަމަވެސް އެމެރިކާ ރައްޔިތުންގެ ތެރެއިން އެންމެ މަތީ އާމްދަނީ ލިބޭ މީހަކު ވެސް ޓެކްސްގެ ގޮތުގައި ދައްކަނީ 35 ޕަސެންޓެވެ.
ޓެކްސް ދެއްކުމުގެ ކުރިން އޮބާމާ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އޭނާގެ އަހަރީ އާމްދަނީގެ 14.2 ޕަސެންޓް ހަދިޔާކޮށްފަ އެވެ. އެއީ 245075 ޑޮލަރެވެ. ވައިޓްހައުސް އިން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އޮބާމާ ހަދިޔާ ކުރެއްވި ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ހަދިޔާ ކުރައްވާފައި ވަނީ ފިޝަރ ހައުސް ފައުންޑޭޝަނަށެވެ. އެއީ ހަނގުރާމަތަކުގައި މަރުވާ އެމެރިކާ ސިފައިންގެ އާއިލާތަކަށް އެހީވާ ޖަމާއަތެކެވެ. އެފައިސާއަކީ އޮބާމާގެ ދެދަރިކަނބަލުންނަށް ޓަކައި އޭނާ ލިއުއްވި " އޮފް ދީ އައި ސިންގ" ނަމަކަށް ކިޔާ ފޮތް ވިއްކަވައިގެން ލިބިވަޑައިގެންނެވި އާމްދަނީއެވެ.
އޮބާމާގެ އާމްދަނީގެ ތެރެއިން ފެޑެރަލް ޓެކްސްގެ ގޮތުގައި ދެއްކި ފައިސާގެ އިތުރުން އިލިނޮއިސ ސްޓޭޓްގެ ސަރަހައްދީ ސަރުކާރަށް ސްޓޭޓް އިންކަމް ޓެކްސްގެ ގޮތުގައި 51568 ޑޮލަރު ދައްކާފައިވާކަމަށް އޭނާގެ ބަޔާނުގައި ވެއެވެ.
އޮބާމާއަށް މިހާ ގިނަ އަދަދެއްގެ ފައިސާ ޓެކްސްގެ ގޮތުގައި ދައްކަވަން ޖެހިވަޑައިގަތީ ޚުދު އޭނާ އެމެރިކާގެ ރައްޔިތުންގެ އަތުން ސަރުކާރަށް ނަގާ ޓެކްސް ބޮޑުކުރެއްވުމާ ގުޅިގެންނެވެ. ޓެކްސް ނަގާ މިންވަރު ބޮޑު ކުރެއްވުމަށް ފަހު އޮބާމާ ވިދާޅުވަމުން ގެންދެނީ އެމެރިކާ ކަހަލަ ގައުމެއްގައި ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކުރުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
އެމެރިކާގެ ބަޖެޓް ޑެފިސިޓް ކުޑަކުރެއްވުމަށްޓަކައި އޮބާމާ އިތުރު ކުރައްވާފައިވާ ޓެކްސްއިން ބައެއް އުނިކުރުމަށް އެގައުމުގެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ ކޮންގްރެސްގެ މެމްބަރުން ދައްކަވަމުން ގެންދަވާ ވާހައަކަށް ރައްދު ދެއްވަމުން އޮބާމާ ވިދާޅުވެފައި ވަނީ އެމީހުން ބޭނުން ވަނީ އޭނާ ކަހަލަ މީހުން ދައްކަން ޖެހޭ ޓެކްސްއިން 200000 ޑޮލަރު އުނި ކުރުމަށެވެ. އޭރުން ދޮށީ އުމުރުގެ މީހުންގެ ތެރެއިން 33 މީހުން އެމީހުންގެ ސިއްހީ ހިދުމަތްތަކަށް ކުރަން ޖެހޭ ހޭދައަށް 6000 ޑޮލަރު އިތުރު ވެގެން ދާނެ ކަމެކެވެ.
" އަހަރެން ރައީސްކަމުގައި ހުއްޓާ އެކަމެއް ނުވާނެ" އޮބާމާ ވިދާޅުވެފައި ވެއެވެ.
އޮބާމާއަށް މިދިޔަ އަހަރު ލިބިވަޑައިގަތް އާމްދަނީ އަކީ 2008 ވަނަ އަހަރު ލިބިވަޑައިގަތް ވަރަށް ވުރެ ވެސް ދަށް އަދަދެކެވެ. އެއަހަރުވެސް އޭނާއަށް 2.7 މިލިޔަން ޑޮލަރު އަހަރީ އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތެވެ.
ރައީސް އޮބާމާ އޭނާއަށް ލިބިވަޑައިގެންނެވި އާމްދަނީގެ މިހުރިހާ ތަފްސީލެއް އާއްމު ކުރައްވާފައި ވާއިރު ނައިބު ރައީސް ޖޯސެފް އާރު ބިޑެން ޖޫނިއަރ ވެސް ވަނީ އޭނާގެ އާއިލާއަށް ލިބިވަޑައިގެންނެވި އާމްދަނީގެ ތަފްސީލު ހާމަކުރައްވާފަ އެވެ.
ބިޑެންގެ އާއިލާއަށް މިދިޔަ އަހަރު ލިބިފައި ވަނީ 379178 ޑޮލަރެވެ. އަދި އޭނާ ވަނީ 23 ޓެކްސްގެ ގޮތުގައި އެމެރިކާގެ ފެޑެރަލް ސަރުކާރަށް 86626 ޑޮލަރު ދައްކަވާފ ައެވެ. އަދި ސްޓޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޑެލްވާރު ސްޓޭޓްގެ ސަރަހައްދީ ސަރުކާރަށް 14479 ޑޮލަރު އޭނާ ދައްކަވާފައި ވެއެވެ. އަދި ވާޖީނިއާގެ ސަރަހައްދީ ސަރުކާރަށް 3515 ޑޮލަރު ބިޑެން ދައްކަވާފައި ވާއިރު ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް 5350 ޑޮލަރު އޭނާ ހަދިޔާ ކުރައްވާފައި ވެއެވެ.
އެމެރިކާގެ ރައީސާއި ނައިބު ރައީސް އެބޭފުޅުންގެ އަހަރީ އާމްދަނީގެ މިފަދަ ތަފްސީލުތައް މީޑިޔާގައި އާއްމު ކުރައްވާފައި ވާއިރު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ތަކެއް އިއްޔެ ވެސް ވަނީ އަހަރީ އާމްދަނީ ހާމަކުރުމަށް އިންކާރު ކުރައްވާ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާފަ އެވެ.