01 Feb 2016, 13:39
ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ޒަހަމްވި ކުޑަކުއްޖާ މަރުވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހު ފަރެސްމާތޮޑާގައި ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ، އެ ރަށު، މާތޮޑާ އަވަށު، އަމާނުﷲ، 10، އެވެ.
އެ މައްސަލައާ ގުޅިގެން ލޯޑަރު ދުއްވި ދިވެހި ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޒާހިރު "ސަން"އަށް މިއަދު ވިދާޅުވީ އެ ކުއްޖާގެ އިތުރު ފަރުވާއަށް ތިނަދޫއަށް ފޮނުވާލިއިރު ވެސް އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ. ތިނަދޫއަށް ފޮނުވާލީ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު އެވެ.
ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ޝައްމޫން މުހައްމަދު ސަން އަށް ވިދާޅުވީ، ކުއްޖާގެ ސިއްހީ މަރުކަޒަށް ގެނައިއިރު މޫނުގެ ބޮޑުބައެއް ޗިސްވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް ސިފަ ކޮށްދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ކުއްޖާ އިނީ ލޯޑަރުގެ ދަތްގަނޑުގެ ތެރޭގައި ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި އަދި ލޯޑަރު ދުއްވާލި އިރު އެ ކުއްޖާ އޭގެ ތެރޭގައި އިންކަން ޑްރައިވަރަށް ނޭނގޭ ކަމަށެވެ.