01 Feb 2016, 13:40
ގދ. ތިނަދޫއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް 1.4 މެގަވޯޓުގެ އިތުރު ޖަނަރޭތަރެއް ގެންގޮސްފި އެވެ.
ތިނަދޫ ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެ ރަށަށް މިއަދު އިތުރު ޖަނަރޭޓަރެއް ގެނެސް ބަނދަރަށް ބާލާފައިވާ ކަމަށެވެ. އެޖަނަރޭޓަރަކީ މިހާރު އެރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރަށް ލޯޑްބޮޑުވިޔަ ނުދިނުމަށް ގެނައި ޖަނަރޭޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވާގޮތަކީ ދެ އެއްޗެއް ނުހިފެހެއްޓޭނެތާ، ކޮންމެ ގޮތެއް ވިޔަސް ރެސްޓުދޭންޖެހޭނެތާ، އެހެންނޫނީ އޯވާލޯޑް ވެގެންދާނެތާ،" އޮފިޝަލް ވިދާޅުވިއެވެ.

އަލަށް 1.4 މެގަވޯޓުގެ ޖަނަރޭޓަރެއް ތިނަދޫއަށް ގެންގޮސްފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ އެ ރަށަށް އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރު ގެންގޮސް ހިދުމަތް ދޭން ފަށާފަ އެވެ.
ދެ ޖަނަރޭޓަރާއެކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަނީ ތިނަދޫއަށް 24 ގަޑިއިރު ކަރަންޓް ދޭންފަށާފަ އެވެ. މިދިޔަ ހަފްތާ ހޯމަ ދުވަހު ތިނަދޫ އިންޖީނުގޭގައި އަނދާހުލިވެ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަަލަށް އެރަށުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ.