01 Feb 2016, 13:58
ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ދައްކާ ފިލްމުތަކަށް އެޑަލްޓް ރޭޓިންއެއް ދޭން ޖެހޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ގިނަ ގައުމުތަކުގައި ސިނގިރެޓް އިޝްތިހާރު ކުރުމާއި ސްޕޮންސާ ކުރުން މަނާކުރުމުގެ ސަބަބުން ސިނގިރެޓް އުފައްދާ ކުންފުނިތަކުން މިހާރު ދަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އިތުރު ކުރުމަށް ފިލްމީ ދާއިރާ ބޭނުން ކުރަމުން ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން މިއަދު އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން 2014 ވަނަ އަހަރު ހޮލީވުޑުން އުފެއްދި ފިލްމުތަކުގެ ތެރެއިން 44 ޕަސެންޓް ފިލްމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރުދައްކަ އެވެ. އަދި އެ އަހަރު ޒުވާނުންނަށް އަމާޒުކޮށްގެން ހަދާފައިވާ ފިލްމުތަކުގެ ތެރެއިން 36 ޕަސެންޓް ފިލްމުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ދައްކަ އެވެ.
އަދި 1989 ކާއި 2008 އާ ދޭތެރޭ އިނގިރޭސިވިލާތުގައި އެންމެ މަގުބޫލުވި ފިލްމުތަކުގެ ތެރެއިން 70 ޕަސެންޓް ފިލްމުގަ އާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ފިލްމުތަކުގެ ތެރެއިން 92 ޕަސެންޓް ފިލްމުން ދުންފަތް ފެނިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އެމެރިކާ އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެ ގައުމުގެ 37 ޕަސެންޓް ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ޓީވީތަކުން އެ މަންޒަރު ފެނުމުގެ ސަބަބުންނެވެ. އަދި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން 2014 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކީ ފިލްމުތަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ފެނިގެން އެގައުމުގެ ހަ މިލިއަން ކުޑަކުދިން ސިނގިރެޓް ބޯން ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މިލިއަން ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތައް ޖެހޭނެ ކަމަށް ދިރާސާ ހެދި ފަރާތްތަކުން ލަފާކުރެ އެވެ. (ގާޑިއަން)