01 Feb 2016, 12:56
ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް މިދިޔަ އަހަރު ތެރޭގައި އޮޑިޓް އޮފީހަށް އަންގައިފަ އެވެ. އޭރު އޮޑިޓް އޮފީހުން ބުނެފައި ވަނީ ޖެނުއަރީގެ ކުރީކޮޅުގައި އެ އޮޑިޓް ނިންމައި ނެރެވޭނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ ރިޕޯޓް ނެރެފައެއް ނުވެ އެވެ.
އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމް "ސަން"އަށް މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓް ނިންމައި ނުލެވޭ ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަހުގީގު ކުރާ ފަރާތްތަކާއި އެ އޮޑިޓް ހިއްސާކޮށް އެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނަސީމް ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީ އޮޑިޓް އަދި އަޅުގަނޑުމެންނަށް މުޅިން މަސައްކަތްތައް ނިންމައެއް ނުލެވޭ، ކުރިން ދެއްނެވިހެން ތަހުގީގު އިދާރާތަކާއި ހިއްސާކޮށްގެން އެ ފަރާތްތަކާ މައުލޫމާތު ހޯދާ އެ މަސައްކަތްތައް ފައިނަލް ކުރުމުން،" ނަސީމް ވިދާޅުވި އެވެ.
މިދިޔަ މަހު ނެރޭނެ ކަމަށް ކުރިން އިއުލާން ކުރި އެ އޮޑިޓް ނެރޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަސީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރެވޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
"މި ކަހަލަ މަސައްކަތްތަކަކީ ތަންކޮޅެއް ކޮމްޕުލިކޭޓެޑް މަސައްކަތްތަކަށްވާތީ ހަމަ ކަނޑައެޅިގެން ތާރީހުތައް ދަންނަވަން ދަތި، އަޅުގަނޑުމެން ތާރީހެއް ދަށްނަވައިފި ނަމަ އެ ތާރީހަށް ނުނިންމިއްޖެއްޔާ އަނެއްކާ ވެސް ތިޔަ ބޭފުޅުން ހަމަ އެ ސުވާލު ތަކުރާރު ކުރައްވާނެ، އެހެންވީމާ އަޅުގަނޑުމެން ކަނޑައެޅިގެން ވަކި ތާރީހެއް ދަންނަވަން ދަތި،" ނަސީމް ވިދާޅުވި އެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ކުރިން ސަން އަށް ވިދާޅުވި ގޮތުގައި އެ އޮޑިޓްގައި ރަށްތަކާ ގުޅޭ މައްސަލަތަކާއި އެމްއެމްޕީއާރުސީ ހިންގެވުމުގައި ފާހަގަވެފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ހިންގުމުގައި ހުރި މައްސަލަތަކާއި ގަވަނަންސް އާއި އެކައުންޓްބިލިޓީ އާއި އިންޓާނަލް ކޮންޓުރޯލްސް އާއި އެހެންގޮސް ފައިސާގައި ހުރި މައްސަލަތަކާ އެހެންގޮސް ހުރިހާ އޭރިއާތަކަށް އަޅުގަނޑުމެން ހުންނާނެ ރިޕޯޓްގައި ތަފްސީލްކޮށް ބަލާލާފައި،" އައިމަން ވިދާޅުވި އެވެ.
ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އަންގައިފަ އެވެ. އޮޑިޓާ ޖެނެރަލަށް ހުންނަވަނީ އެ މުއްދަތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތު އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެ ހާއްސަ އޮޑިޓް ތައްޔާރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ އޮޑިޓް ތައްޔާރުކުރާނީ އެސިސްޓެޓް އޮޑިޓާ ޖެނެރަލް އައިމަން އިބްރާހިމްގެ ބެލުމުގެ ދަށުން ކަމަށެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.