ޒުވާނުންނާއި ކުޑަކުދިންނަށް ހަމަހަމަކަމާ އެކު ފެންވަރު ރަނގަޅު އިޖުތިމާއީ ހިދުމަތްތަކެއް ފޯރުކޮށްދީ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށް އދ. އާ އެކު އެޑިއުކޭޝަން މިނިސްޓްރީ އިން އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އދ.ގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔުނިސެފުގެ ރެޕްރެޒެންޓޭޓިވް ޑރ. އެލިސް އަކުންގާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، އދ. އަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިދުމަތްތަކަކާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމާއަތެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ސޮއި ކުރެވިގެން މިދިޔައީ މިއަންނަ ދެ އަހަރަށް އަޅުގަނޑުމެންނަށް ކަނޑައެޅިފައި އޮތް ވޯކްޕްލޭންސްތައް. އެފާހަގަ ކުރެއްވި ފަދައިން ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އެހީތެރިކަމުގެ ގޮތުން ދެ މިލިއަން ޑޮލަރަށް ވުރެ ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް ސަރުކާރަށް އެހީތެރިވެެގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ސޮއި ކުރެވުނު ވޯކްޕްލޭންގެ ޒަރިއްޔާއިން ދޭން ޖެހޭ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީގެ އަމާޒު ކަމަށެވެ.

"އަދި މިއާއެކީގައި ރާޢްޖޭގެ ތަރައްގީގައި އަޅުގަނޑުމެން މި ކަނޑައަޅާފަ ހުރި ދާއިރާތަކަށް ވާސިލްވުމަށް އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެކައުންޓެބަލް ސިސްޓަމެއްގެ ތެރޭގައި ކުރިއަށް ދެވޭތީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް އދ އާއެކީގައި މަސައްކަތް ކުރެވުގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވޯރކް (އުންޑާފް) ގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ ގެ ރެޕްރެޒެންޓޭޓިވް އެލައިސް އަކުންގާ ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު އުންޑާފް ފްރޭމްވޯކްގެ ދަށުން ހަތަރު ދާއިރާއަކަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"ޒުވާނުންނާއި ކުޑަކުދިން، ގަވާނަންސް، ޖެންޑާ އަދި އެންވާރަމަންޓަލް ސަސްޓެއިނިބިލިޓީ،" އދ. ގެ ރެޕްރެޒެންޓޭޓިވް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަހަރާއި އަންނަ އަަހަރު، ޒުވާނުންނާއި ކުޑަކުދިންގެ ދާއިރާއިންނާއި ސިއްހަތާއި ތައުލީމު އަދި ކުޑަކުދިންގެ ރައްކާތެރިކަމާއި ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ޒުވާނުންނާއި ކުޑަކުދިންނާ ގުޅުން ހުރި މުއައްސަސާތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވެ އެވެ.