01 Feb 2016, 12:28
ސްރީލަންކާގައި މިއަދުން ފެށިގެން ޕްްލާސްޓިކް ކޮތަޅު ހަދައި ޕްލާސްޓިކްގެ ބާވަތްތައް ކަމުގައިވާ ތުނި ޕޮލިތީން ބޭނުން ކުރުން މަނާ ކޮށްފި އެވެ.
ސްރީަލަންކާ ސަރުކާރުގެ މީޑިއާ ޕޯޓަލްގައި މިއަދު ބުނެފައި ވަނީ 20 މައިކްރޯންއަށް ވުރެ މަދުން ހިމެނޭ ތުނި ޕޮލިތީން ބޭނުންކުރާ ފަރާތްތަކާ މެދު މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޕޮލިތީން ބޭނުންކުރުން މަނާ ކުރުމުގެ ގާނޫނެއް ސްރީލަންކާގެ ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފާސް ކޮށްފަ އެވެ.
މި ގާނޫނުގެ ދަށުން، ޕޮލިތީން ބޭނުންކުރާ އަދި އުފައްދާ ފަރާތްތައް 10،000 ރުޕީސްއަށް ވުރެ ގިނަ ނުވާނެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އިރު، ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
މި ގާނޫނު ތަންފީޒު ކުރާ ލަންކާގެ ސެންޓްރަލް އެންވާރަމެންޓް އޭޖެންސީއިން މިއަހަރުގެ ޖަނަވަރީ މަސް ދީފައި ވަނީ ގާނޫނުގެ ބާރު ހިންގަން ނުފަށާ ގްރޭސް ޕީރިއަޑެއްގެ ގޮތުގަ އެވެ.