01 Feb 2016, 12:07
ރޯމް (ފެބްރުއަރީ 1): ބެލެނިވެރިއެއް ނެތި ޔޫރަޕަށް ދިޔުމަށްފަހު 10،000 ވަރަކަށް ރެފިއުޖީ ކުޑަކުދިން ގެއްލިފައިވާ ކަމަށް އީޔޫގެ ކްރިމިނަލް އިންޓެލިޖެންސް އޭޖެންސީން ބުނެފި އެވެ.
ޔޫރަޕުގެ ގައުމަކުން ހިމާޔަތް ހޯދުމަށް ރެޖިސްޓާ ކުރުމަށްފަހު ވީނުވީއެއް ނޭނގި ގެއްލޭ ކުދިންގެ ނާޖާއިޒު ފައިދާ ކުށްކުރާ ޖަމާއަތްތަކުން ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔޫރޮޕޯލްގެ ޗީފް އޮފް ސްޓާފް ބްރައާން ޑޮނަލްޑް ވިދާޅުވި އެވެ.
"ބެލެނިވެރިއަކާ ނުލައި ޔޫރަޕަށް ދާ ކުދިންގެ ނާޖާއިޒު ފައިދާ ނަގަން ހާއްސަ ޖަމްއިއްޔާތައް ފާއިތުވި 18 މަހުގެ ތެރޭގައި އުފައްދާފައިވޭ،" ޑޮނަލްޑް ވިދާޅުވި އެވެ.
މިދިޔަ އަހަރު ޔޫރަޕަށް 270،000 ރެފިއުޖީ ކުޑަކުދިން ގޮސްފައިވާ ކަމަށް ޔޫރޮޕޯލްއިން ލަފާކުރެ އެވެ. އަދި ސޭވް ދަ ޗިލްޑްރެން ކިޔާ ޖަމްއިއްޔާއަކުން ލަފާކުރާ ގޮތުގައި އޭގެ ތެރެއިން 26،000 ކުދިން ގޮސްފައި ވަނީ ބެލެނިވެރިއަކާނުލަ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް ޖިންސީ އަނިޔާ ދީފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ޔޫރޮޕޯލް އިން ބުންޏެވެ.
ހަނގުރާމަތައް ހިނގަމުންދާ ސީރިޔާފަދަ ގައުމުތަކުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ބެލެނިވެރިއެއް ނެތް ބައެއް ކުދިންނަށް އިނގިރޭސިވިލާތުން ހިމާޔަތް ދޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވަނީ ވިދާޅުވެފަ އެވެ. (ޓެލެގްރާފް)