ދުނިޔޭގެ އެންމެ މަޤްބޫލު ސޯޝަލް ނެޓްވޯކް، ފޭސްބުކްއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އޭގެ ޔޫޒަރުން އެއާއި ގަޔާ ކޮށްދޭނެ އާ ފީޗާތަކެއް ތައާރަފު ކުރުމަށެވެ.

އެތަކެއް އާ ފީޗަރުތަކެއް ތައާރަފު ކުރުމަށްފަހު، ފޭސްބުކްއިން މިހާރު މި ވަނީ މުޅިން އާ ފީޗާއެއް ތައާރަފުކުރަން ފަށާފަ އެވެ. ފޭސްބުކްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު ވީޑިއޯ ލައިވްސްޓްރީމް ކުރެވޭނެ ކަމަށް އެ ކުންފުނިން މި ވަނީ ހާމަ ކޮށްފަ އެވެ.

ބެލެވޭ ގޮތުގައި މިއީ، ފޭސްބުކްގެ އެންމެ ބޮޑު ވާދަވެރިޔާ ޓްވިޓަގެ "ޕެރިސްކޯޕް" އެޕްލިކޭޝަނަށް ގޮން ޖެހުމަށް ތައާރަފު ކުރި ފީޗާއެކެވެ.

މި ފީޗާގެ "ސްނީކް ޕީކް"އެއް މިދިޔަ ޑިސެމްބަރު މަހު ބައެއް ފޭސްބުކް ޔޫޒަރުންނަށް ލިބިފައިވާ އިރު، ފޭސްބުކްއިން ދާދި ފަހުން ބުނެފައި ވަނީ، އެ ފީޗާ ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް މަޑުމަޑުން ރިލީޒް ކުރަން ފަށާނެ ކަމަށެވެ.

މި ފީޗަރ ފޭސްބުކް މޯބައިލް އެޕްލިކޭޝަނުން ބޭނުންކުރެވޭ އިރު، ތިބާއަށް ފޭސްބުކް މެދުވެރިކޮށް ތިބާގެ ރަހުމަތްތެރިންނަށް ލައިވް ވީޑިއޯ ބްރޯޑްކާސްޓް ކުރެވޭނެ އެވެ.

ލައިވް ބްރޯޑްކާސްޓް ނިމުމާ އެކު، ބްރޯޑްކާސްޓް ކުރި ވީޑިއޯކޮޅު ރިކޯޑުވެ، އެ ވީޑިއޯ ތިބާގެ ޓައިމްލައިނަށް ޕޯސްޓު ވާނެ އެވެ.

މީގެ އިތުރުން، ފޭސްބުކް "ފްރެންޑުން"ނާއި މަޝްހޫރު ތަރިން އެމީހުންގެ ފޭސްބުކްގައި ކުރާ ލައިވް ބްރޯޑްކާސްޓް ވީޑިއޯތައް ޓައިމްލައިނުން ފެންނާނެ އެވެ.

  • ފޭސްބުކް މޯބައިލް އެޕް ހުޅުވުމުން، ސްކްރީނުން ފެންނަ "ވަޓް އާ ޔޫ އަޕް ޓު؟" ނުވަތަ ސްޓޭޓަސް އަޕްޑޭޓް ލިޔާ ތަނަށް ދާށެވެ.

  • ސްޓޭޓަސް ލިޔާ ތަނުގެ ތިރީގައި، ފޮޓޯ އައިކަންއާއި، ޓެގް އައިކަންއާއި، އިމޯޖީ އައިކަންގެ ފަދަ އައިކަންތަކުގެ ކައިރިން އާ އައިކަންއެއް ފެންނާނެ އެވެ. ފެންނާނީ، މީހެއްގެ ހިޔަންޏަކާއި، އޭނާގެ ބޮލުގެ މަތިން ދެފަރާތުން ރޭޑިއޯ ވޭވްތަކެއް ފަދަ އެއްޗެހިތަކެކެވެ.
  • އެ އައިކަންއަށް ފިއްތުމުން، ލައިވް ބްރޯޑްކާސްޓް ކުރުމުގެ އޮޕްޝަން ހުޅުވޭނެ އެވެ. އެތަނުން، ބްރޯޑްކާސްޓަށް ދޭނެ ނަމާއި، ބްރޯޑްކާސްޓް ފެންނާނެ އަދި ނުފެންނާނެ ފޭސްބުކް ފްރެންޑްސް ސިލެކްޓް ކުރެވޭނެ އެވެ.
  • އެއަށް ފަހު "ގޯ ލައިވް"އަށް ފިއްތާލާށެވެ. އޭރުން ލައިވް ބްރޯޑްކާސްޓް ފެށުނީ އެވެ. ބްރޯޑްކާސްޓް ބަލަމުންދާ މީހުންގެ އަދަދު، ސްކްރީނުގެ އެއް ފަރާތުން ފެންނާނެ އެވެ.
  • ތިބާ ބޭނުންވުމުން ބްރޯޑްކާސްޓް ނިންމާލާށެވެ. ބްރޯޑްކާސްޓް ނިންމާލުމުން، އެ ވީޑިއޯގެ ރިކޯޑިންއެއް ތިބާގެ ޓައިމްލައިނަށް ޕޯސްޓް ވާނެ އެވެ.

މަސްދަރު: ސްކައި ނިއުސް