01 Feb 2016, 13:44
ޕެރިސް (ފެބްރުއަރީ 1): ސާޅީސް އަހަރުވަންދެން އަނިޔާކުރަމުން ދިޔަ ފިރިމީހާ މަރާލުމުން 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފްރާންސުގެ އަންހެނެއް ކަމަށްވާ ޖެކުއެލިން ސޮވާޖަށް އެގައުމުގެ ރައީސް ފްރަންސުވާ ހޮލާންޑޭ މާފްދެއްވައިފި އެވެ.
ކޯޓު އަޑުއެހުންތަކުގައި ސޮވާޖު ބުނީ އޭނާގެ ފިރިމީހާއަކީ ރާބޮއެގެން އޭނާއަށާއި އޭނާގެ ދަރިންނަށް އެކި ވަރުގެ ޖިސްމާނީ އަދި ޖިންސީ އަނިޔާ ދެމުންއައި މީހެއް ކަމަށެވެ.
ރައީސް ހޮލާންޑޭ މާފުދެއްވުމުގެ ސަބަބުން މި އަހަރުގެ އެޕްރިލް މަހު ސޮވާޖަށް މިނިވަންކަން ލިބޭނެ ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ.
ސޮވާޖުގެ ޖަލު ހުކުމާ ގުޅިގެން ފްރާންސުގެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ގައުމުގެ 400،000 ރައްޔިތުން ވަނީ ސޮވާޖް މިނިވަން ކުރުމަށް އެދި ރައީސް ހޮލާންޑޭއަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ސެޕްޓެމްބަރު، 10، 2010 ވަނަ ދުވަހު ސޮވާޖު އޭނާގެ ފިރިމީހާގެ ގަޔަށް ބަޑިޖަހައި މަރާލީ އެ ދެ މީހުންގެ ފިރިހެން ދަރިފުޅު އަމިއްލައަށް މަރުވިތާ އެއް ދުވަސް ފަހުންނެވެ. ސޮވާޖުގެ ފިރިމިހާ ވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ވެސް އަނިޔާކޮށްފައި ކަމަށް ސޮވާޖު ބުންޏެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ކުށުގައި ސޮވާޖުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް ކުރީ އޮކްޓޯބަރު 2014އިގަ އެވެ. (ބީބީސީ)