ފިންގަޕްރިންޓް ހަމަނުކޮށް ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް ހައި ކޯޓުން ދާދި ދެންމެ އަކު ވަގުތީ އަމުރެއް ނެރެފި އެވެ.

ޕާޓީތަކަށް އެންމެ ފުރަތަމަ މެމްބަރުން ވަތް އިރު ފިންގަޕްރިންޓް ޖަހަން ޖެހިފައި ނުވާ އިރު ފިންގަޕްރިންޓް ޖަހަން ފަށާފައި ވަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ސިޔާސީ ޕާޓީތައް އަލަށް އުފެއްދި ދުވަސްވަރު ފިންގަޕްރިންޓް ނުޖަހައި ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހަ މަސް ދުވަހުގެ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވި އިރު، ފިންގަޕްރިންޓް ޖެހުމަށް ފަހު ފޯމު ހުށަނާޅާ ފަރާތްތައް ޕާޓީގެ މެމްބަރު ކަމުން ވަކި ވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައި މިވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ މެމްބަރުން ދަފްތަރުން އުނި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ އެމްޑީޕީ އާއި ޑީއާރުޕީ އިން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު އެވެ.

އެމްޑީޕީ އަދި ޑީއާރުޕީ އިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އިިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ނިންމާފައި ވަނީ އިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދެވެން ނެތް ކަމަށެވެ.

އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ވިދާޅުވީ، އިލެކްޝަންސްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށް ނުދީފި ނަމަ، އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވެ، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގުން މަހްރޫމްވެގެން ހިނގައިދާނެ ކަމަށެވެ.

އަދި އަމުރު ނެރެ ނުދޭންވީ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށާއި އަމުރު ނެރުމުން ދައުލަތަށް ލިބޭނެ ގެއްލުމެއް ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ނެތް މެމްބަރުން ސިޔާސީ ޕާޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތަކަށް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސްގެ ނިންމުމާ ގުޅިގެން، އެންމެ ގިނަ އަދަދެއްގެ މެމްބަރުން ވަކިވާނީ، މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އިން ނެވެ. އެގޮތުން އީސީގެ ނިންމުމަށް އަމަލުކުރުން ފަސްނުކޮށްފި ނަމަ، އެ ޕާޓީގެ 23،000 އެއްހާ މެމްބަރުން ވަކިވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެއާ އެކު، އެކި ޕާޓީތަކުން ކުރިން ފިންގަޕްރިންޓް ހުށަނާޅާ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ފިންގަޕްރިންޓާ އެކު އަލުން ފޯމު ހުށަހަޅާފަ އެވެ.