01 Feb 2016, 11:16
އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއިން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
އެ މޮޅާ އެކު މިލާން އަދިވެސް އޮތީ ހަ ވަނައިގަ އެވެ. ރޭގެ މެޗުން ބަލިވި އިންޓަ އޮތީ 41 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 50 ޕޮއިންޓާއެކީ އޮތީ ނަޕޯލީއެވެ. ދެ ވަނައިގައި 48 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.

އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 35 ވަނަ މިނެޓްގައި ޑިފެންޑަރު އެލެކްސް ވަނީ މިލާނަށް މެޗުގެ ލީޑުނަގައިދީފައެވެ. އެ ގޯލަށް ފަހު ވެސް އެލެކްސް އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިންޓަގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގައެވެ.
ދެވަނަ ހާފް ފެށިގެން އިންޓައަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ ކެޕްޓަން މައުރޯ އިކާޑީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ 73 ވަނަ މިނެޓްގައި އެމްބާޔޭ ނިއަންގް ނަގައިދިން ހުރަހަކުން ކާލޮސް ބަކާ މިލާންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އުރު އަދި އޭގެ ހަތަރު މިނެޓްފަހުން، އަކޯމޯ ބޮނަވެންޓޫރާ ތަނަވަސްކޮށްދިން ބޯޅައަކުން ނިއަންގް ނިއާންގް ވަނީ މިލާންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މިއީ 2011 ވަަނަ އަހަރުގެ ފަހުން އިންޓަ އަތުން މިލާނަށް ލިބުނު އެންމެ ތަފާތު ބޮޑު މޮޅެވެ.