މަގުމަތިން ހިނގާފައި ދިޔަ ފިރިހެނަކު ހުއްޓިފައި މަގުމައްޗަށް އެ ޖަހާލީ ހެޔޮވަރުގެ ބޮޑު ކުޅު ގަނޑެކެވެ. ވީ ފޫއްސަކާއި ގަތް ފަކުރެއް ބުނެދޭން ވެސް ނޭނގެ އެވެ. އެންމެން ހިނގައި ބިނގާވެ އުޅޭ މަގެއްގެ މައްޗަށް ކުޅުގަނޑެއް ޖެހުމަށް ފަހު އެއްވެސް ހިޔާލެއް ފިކުރެއް ނެތި އޭނަ އެ ދިޔައީ އެވެ.

އޭނާ މަގު މައްޗަށް ކުޅު ޖެހި މަންޒަރު ނުފެންނަ މީހާ ނުވަތަ ބިން މައްޗަށް ރަނގަޅަށް ނުބަލައި ހިނގާފައިދާ މީހާ ދާނީ އެ ކުޅުގަނޑު މައްޗަށް އަރައިފަ އެވެ. ކުޅު ޖެހި މީހާއަށް ނުވަތަ އެ ކުޅުގެ މަތިން ހިނގާފައިދާ މީހާ އަށް އެއީ މާ ބޮޑު ކަމަކަށް ވެސް ނުވެދާނެ އެވެ.

ތެދެކެވެ. މަގުމައްޗަށް ކުޅުޖެހުމަކީ އެތައް ބަޔަކު ކުރާ ކަމެކެވެ. ވަކި އުމުރެއް ނެތެވެ. ކެއްސާލުމަށް ފަހު ނުވަތަ ކަރު ކެހެލުމަށް ފަހު ވެސް ފައި ދަށަށް ކުޅު ޖަހާލެވެނީ ވިސްނާލުމެއް ނެތި އެވެ. އެއީ މާ ބޮޑު ކަމަކަށް ނުހަދަ އެވެ. ނަމަވެސް އެއް ފަހަރު ވެސް މި ކުރެވޭ ކަންތަކާ މެދު ވިސްނާލީމު ހެއްޔެވެ؟

ކުޅަކީ އެތައް ބައްޔެއް ފެތުރުމަށް މަގުފަހި ކުރުވާ އެއްޗެއް!

ކުޅުގައި އެތައް ޖަރާސީމެއް އެކުލެވިގެންވެ އެވެ. ސިއްހީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ކުޅު ޖަހަން ޖެހެނީ ފުއްޕާމޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުން އާދައިގެ މިންވަރަކަށް ވުރެ އިތުރަށް އަނގައިގެ ތެރޭގައި ކުޅު އުފެދުމުންނެވެ.

އޭގެ އިތުރުން ވައި ނުސާފުވުމާއި، ހޫނު ގަދަވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ސިއްހަތަށް ގެއްލުން ހުުރި ކާނާ ކެއުމަކީ ވެސް އަނގައިގައި އާދައިގެ މިންވަރަކަށް ވުރެ އިތުރަށް ކުޅު އުފެދެން މެދުވެރިވާ ސަބަބެކެވެ.

މާލޭގެ މަގެއްގެ ދުވާރު މައްޗަށް ރަތް ކުޅު ޖަހާފައި، މިއީ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމެއް: ސަން ފޮޓޯ: މުހައްމަދު އަފްރާހް

މަގުމައްޗަށް ކުޅު ޖެހުމުގެ ހުތުރު އާދަ އެންމެ ބޮޑަށް އަށަގެންފައި ވަނީ ދުފާ މީހުންގެ ކިބައިގަ އެވެ. މާލޭގެ މަގުމަތިން ފެންނަ ރަތް ކުޅުތަކުން އެކަން ރަނގަޅަށް އެނގެ އެވެ. ހާއްސަކޮށް ކެފޭތަކާއި ސައި ހޮޓާތަކުގެ ކައިރިން މިކަން ބޮޑަށް ފެންނާނެ އެވެ. ނަމަވެސް ކުޅު އަނގައިން ބޭރުވާ ހިސާބުން އެ ނިމުނީކީ ނޫނެވެ. ކުޅުގައި އެކުލެވިގެންވާ ޖަރާސީމުތައް ވައިގެ ޒަރީއާ އިން ފެތުރިގެންދެ އެވެ. ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޅުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ރައްޔިތުންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ކުޅުގެ ސަބަބުން ޓީބީ، އިންފްލުއެންޒާ، އަރިދަފުސް، ނިއުމޯނިއާ ވެސް ޖެހިދާނެ!

ކުޅުގެ ޒަރީއާ އިން ޖެހިދާނެ އެންމެ ނުރައްކާތެރި އެއް ބައްޔަކީ ޓިއުބަކްލޯސިސް (ޓީބީ) އެވެ. ޓީބީއަކީ މުޅި ދުނިޔެ އަށް ވެސް މިހާތަނަށް ދިމާވެފައިވާ އެންމެ ދުވަސްވީ، އަދި ކޮންޓްރޯލްކުރަން އުނދަގޫ އެއް ބައްޔެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކަށް ބަލާ އިރު، ގާތްގަނޑަކަށް 9.9 މިލިއަން މީހުން ކޮންމެ އަހަރު ޓީބީއަށް ފަރުވާހޯދަ އެވެ. އަދި އެއިޑްސް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އަހަރަކު 620،000 މީހުން ޓީބީ ބަލީގެ ސަބަބުން މަރުވެ އެވެ.

މާލޭގެ މަގެއް މައްޗަށް ކުޅު ޖަހާފައި، ކުޅުގައި އެކުލެވޭ ޖަރާސީމު ވައިގެ ޒަރީއާއިން ފެތުރޭ: ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުޅުގެ ސަބަބުން ދެން ފެތުރިދާނެ އަނެއް ބައްޔަކީ ނިއުމޯނިއާ އެވެ. ނިއުމޯނިއާ އަކީ ފުއްޕާމޭ ދުޅަވާ ބައްޔެކެވެ. މިބަލީގައި ފުއްޕާމޭގެ އެތެރޭގައި ޖަރާސީމުގެ ސަބަބުން ދޮސްހެދި ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މޭގައި ރިއްސުމާއި ކެއްސުން ވެސް ހިމެނެ އެވެ.

ވައިރަހަކުން ފެތުރޭ އަރިދަފުސް ރޯގާ އަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ.

ކުޅުޖެހުމުން ދިމާވަނީ ސިއްހީ މައްސަލަ އެކަންޏެއް ނޫން!

މަގުމައްޗަކީ އެންމެންގެ ތަނެކެވެ. ރީތިކޮށް ބޭއްވުމުން ރީތި ވެސް ވާނީ އެންމެނަށެވެ. ހަޑިވުމުން ހަޑި ވާނީ ވެސް ހަމަ އެންމެންނަށެވެ.

މާލޭގެ މަގެއްގެ މައްޗަށް ރަތް ކުޅު ޖަހާފައި، މިއީ މަގުމަތީގެ ރީތި ކަމާ ސާފުތާހިރުކަން ގެއްލުވާލާ ކަމެއް: ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކެފޭއަކުން ސައިބޮއެގެން ރަނގަޅަށް ދުފާލައިގެން ނުކުމެ މަގުމައްޗަށް ޖަހާލާ ކުޅުގަނޑުގެ އަސަރު އެތައް ދުވަހަކަށް ދެމި ހުރެ އެވެ. ރަތް ކުލަ މަގުމަތިން ނުފިލައި ހުންނަ އިރު މަގުމަތީގެ ރީތިކަން ގެއްލެ އެވެ. މަގުމަތިން ހިނގާފައިދާ އިރު ކުޅު ގަނޑު ގަނޑުން ރެކެން އެބަޖެހެ އެވެ.

މިކަން ހުއްޓުވަން ހަދާނީ ކިހިނެތް؟

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މަގުމައްޗަށް ކުޅު ޖެހުމަކީ މަނާ ކަމެކެވެ. އެކަން ކުރާ މީހުން ކުށްވެރިވެ އެވެ. އަދި ޖޫރިމަނާ ވެސް ކުރެ އެވެ.

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މަގުމައްޗަށް ކުޅުޖެހުން މަނާ ކުރުމަކީ ސިއްހީ ގޮތުން ބަލާ އިރު ކުރުން ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އެކަން އެގޮތަށް ކުރެވިދާނެ ބާވަ އެވެ؟

މި ސުވާލު އުފައްދަން މި ޖެހުނީ ރާއްޖޭގައި ވެސް އެފަދަ ގާނޫނެއް ހެދިފައި ވާތީ އެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުން، މަގުމައްޗަށް ނުވަތަ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެއްސަށް ނުވަތަ އިމާރާތެއްގެ ފާރަށް ކުޅުޖެހުމަކީ މަނާކަމެކެވެ. ގާނޫނު ބުނާ ގޮތުން މަގުމައްޗަށް ކުޅުޖަހައިފި ނަމަ، 500 ރުފިޔާ އިން އެމީހަކު ޖޫރިމަނާ ކުރެވިދާނެ އެވެ. ގާނޫނު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި ޖޫރިމަނާގެ ނޯޓިސް ނުލިބޭ މީހަކު ހަމަގައިމު ވެސް މި ކުޑަ މާލޭގައި މަދުވާނެ އެވެ.

ނަމަވެސް މިކަމަށް އާންމުން ހޭލުންތެރި ކުރެވިއްޖެ ނަމަ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.

"އެންމެ ފުރަތަމަ އެބަ ޖެހޭ ސްކޫލުތަކުން ވެސް މިފަދަ ކަންކަމަށް ކުދިން ހޭލުންތެރި ކުރުވަން. ދެން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފަދަ ކަންކަން ކުރެވޭނެ. ހޭލުންތެރި ކުރެވިއްޖެ ނަމަ ހައްލު ކުރެވިދާނެ މައްސަލައެއް މީ،" ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި މަގުމަތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޑަސްޓްބިންތައް މިހާރު ވަނީ ބަހައްޓައިފަ އެވެ. މަގުމައްޗަށް ކުޅުޖެހުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް ޓިޝޫއަކަށް ކުޅެޖެހުމަށް ފަހު ޑަސްޓްބިންތަކަށް ލުމަކީ ވެސް ކުރެވިދާނެ ކަމަށް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ޖީބަށް ލައިގެން ނުވަތަ ގެންގުޅޭ އަތް ދަބަހުގައި ކުޑަ ޓިޝޫ ޕެކެޓެއް ގެންގުޅުމަކީ ބުރަ ކަމަކަށް ނުވާނެ އެވެ.

މި އާދައާ ދުރުވުމަށް އެންމެ އެކުގައި މަސައްކަތް ކުރަން އެބަ ޖެހެ އެވެ. ކުރެވޭ ކުޑަ ކަމަކުން ތިމާގެ އިތުރުން މުޖުތަމައުއަށް ވެސް އޭގެ ނުބައި އަސަރެއް ކުރާ ނަމަ އެކަމެއް ހުއްޓާލުން ބުއްދިވެރި އެވެ. މީހަކު ކަން ކުރާ ގޮތަށް ނުބަލައި ރައްކާތެރި، ސާފުތާހިރު، ހިތްގައިމު މުޖުތަމައު އެއް ބިނާކުރުމަށް ފުރަތަމަ އަމިއްލަ މީހާ އާއި ހިސާބުން ފަށަމާ ހިނގާށެވެ.