01 Feb 2016, 10:34
ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު ރިއާ އެޑްމިރަލް ރިޓަޔާޒް ގާޒީ ސަރުވާރު ޙުސައިން ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެދެބޭފުޅުން ބައްދަލުކުރެއްވީ އިއްޔެ ހެނދުނު ފޮރިން މިނިސްޓްރީގައި ކަމަށެވެ. ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު މިހާރު ވެސް އޮތް ގުޅުން، ދެގައުމަށް ވެސް ފައިދާކުރަނިވި ގޮތަކަށް އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން އެދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ޙުސައިން ނިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ބަންގްލަދޭޝް ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެން ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވާފައި މިވަނީ އޭނާއާއި ރާއްޖޭގެ އިމިގްރޭޝަނާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. ހިޔާލުތަފާތުވުން އުފެދުނީ ބަންގްލަދޭޝްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުންއަށް ޖެނުއަރީމަހުގެ 22 ވަނަ ދުވަހު ޙުސައިން ވިދާޅުވެފައި ވަނީ ސައްހަ ލިއެކިއުންތަކާ ނުލައި ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންގެ ގާނޫނީ ކަންތައްތައް ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ސައްހަ ލިޔެކިއުންތައް ނެތި އުޅެމުން ދަނިކޮށް ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ބަޔަކު ޑީޕޯޓް ނުކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭނާގެ ވާހަކަފުޅަށް ރައްދުދީ އިމިގްރޭޝަނުން ވަނީ ފަހުން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ރާއްޖެ އިން ޑީޕޯޓު ކުރަމުން ނުދާނެ ކަމަށް އެއްވެސް ފަރާތެއްގައި ދަންނަވާފައި ނުވާނެ ކަމަށެވެ.