19 Apr 2011, 22:05
22:52 ދާދި ދެންމެއަކު އަލީ ވަހީދު މުލީއާގެއިން ނުކުމެ ވަޑައިގެންފި އެވެ. މުލިއާގެއިން ނުކުމެ ވަޑައިގަތުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ގާތުގައި ވިދާޅުވީ މުލިއާގެއަށް ވަޑައިގަތީ މިހާރު ހިނގަމުންދާ މާރާމާރީތަކާ ބެހޭ ގޮތުން ރައީސާއެކު މަޝްވަރާކޮށްލެއްވުމަށް ކަމަށެވެ. އޭގެ ތެރޭގައި މާރާމާރީއާބެހޭ ގޮތުން މަޖިލީހުގައި ހުރި ބިލުތަކާއި އެކަންކަމާ ގުޅޭ ހުރިހާ ކަމެއްގައިވެސް ރައީސާއެކު މަޝްވަރާކުރެއްވެވި ކަމަށް ވިދާޅުވި އެވެ.
"ނޫސްވެރިނަށް ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް ދެއްވާފައި ވަޑައިގެންފި،" މުލިއާގޭ ކައިރީގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
22:16 ޑީއާރްޕީގެ ނައިބު ލީޑަރު ރައްޔިތުންގެ މަޖިލީޙުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ދާދި ދެންމެއަކު ރައީސުލް ޖުމްހޫރިއްޔާގެ ދިރިއުޅުއްވާ ގެކޮޅު މުލީއާގެއަށް ވަދެވަޑައިގެންފި އެވެ.
އަލީ ވަހީދު މުލީއާގެ އަށް ވަދެވަޑައިގަތީ މީގެ ކުޑަކުޑަ އިރުކޮޅެއް ކުރިން އޭނާ އެކަންޏެވެ. މުލިއާގޭ ކައިރީގައި ހުރި ސަންގެ ނޫސްވެރިޔާ ބުނިގޮތުގައި އަލީ ވަހީދު މުލިއާގެއަށް ވަދެވަޑައިގަތީ ކާރެއްގައި ވަޑައިގެން ދުރުގައި މަޑުކުރެއް ވުމަށްފަހު އެކަނި ހިންގަވާފައި ވަޑައިގެންނެވެ.
ޑީއާރްޕީގެ ޖަލްސާތަކުގަ އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އަލީ ވަހީދު ވަނީ މީދިޔަ ހަފުތާގައި ޑީއާރްޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ނަޝީދަށް ސިޓީއެއް އަރުވާން ބޭނުންފުޅުވާ ކަމަށް ބުނެ މުޒާހަރާގެ ތެރެއިން މުލިއާގެއާ ދިމާއަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާފަ އެވެ.
(ތަފުސީލު އަންނަނީ)