25 Apr 2010, 10:00
10:00
"ޔޫ.އެން ޗެމްޕިއަންސް އޮފް ދި އާތް އެވޯޑް" ހިއްޕަވައިގެން ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމުން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ ދެކުނު ކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރެ މާލެ ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރްހަބާ ދެންނެވުމަށް ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވަޑައިގެންނެވި އެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގެންނެވިއިރު، ރަސްމީ ފާލަންދޮށަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާއްމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ލިޔެފައިވާ ބެނާސްތަކާއި ފުއްޕާހަމާއި ދިދަ ހިފައިގެން އެއްވެ، އެމަނިކުފާނަށް ވަރަށް ހޫނު މަރްހަބާއެއް ކިޔަމުން ގެންދިޔަ އެވެ.
ރަސްމީ ފާލަން ކުރިމަތީ ހަދާފައިވާ ސްޓޭޖެއްގައި ހުންނަވައިގެން އެއްވެ ތިބި މީހުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަސީގެ ވެރިކަމެއް ގާއިމްކޮށް އެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ކަންކަން ހިނގަމުން ގެންދާކަން، އަދި އެ ވެރިކަން ހިންގުމަށް އަޅުގަޑުމެން މަސައްކަތް ކުރުމުން ގެންދާކަން އެއީ ވަރަށް ބޮޑު ފަޚްރެއް ކަމުގައި ވިދާޅުވި އެވެ.
އަދި އަޅުގަނޑުމެންގެ ރާއްޖެއަށް މިލިބޭ ފަހުރަކީ އެމަނިކުފާނަށް އެކަނި ލިބިވަޑައިގަންނަވާ ފަހުރެއްނޫން ކަމަށާއި، މިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ހިއްސާވެސް ވަރަށް ބޮޑު ކަމުގައި ވިދާޅުވި އެވެ. އަދި މިއަދު މިފެންނަނީ ރާއްޖޭގެ އެންމެ ރައްޔިތުން އެކުގައި ކުރާ ވަރަށް ގިނަ މަސައްކަތްތަކެއްގެ ސަބަބުން ލިބެމުން އަންނަ ހެޔޮ ނަތީޖާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.