01 Feb 2016, 10:36
މަލްޓިސްޓޭކްހޯލްޑާ ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.
އިއްޔެ މެންދުރު ސުޕްރީމް ކޯޓުގައި އޮތް އެ ބައްދަލުވުމުގައި ރާއްޖޭގައި ގާނޫނު ތަންފީޒު ކުރުމާއި އަދުލުއިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި ޖުޑީޝަރީ އާއި ކަމާ ބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އެ ބައްދަލުވުމުގައި، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ވާ އަބްދުﷲ އަރީފާއި، އަލީ ހަމީދު މުޙައްމަދާއި، އާދަމް މުޙައްމަދު އަބްދުﷲ އާއި، ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރި ވެވަޑައިގަތެވެ.
ހަމައެއާ އެކު ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވެސް ބައިވެރިވެވަޑައިގަތެވެ.
މަލްޓިސްޓޭކްހޯލްޑާ ޖުޑީޝަލް ސެކްޓަރު ލޯ ރިފޯމް ކޮމިޓީ އަކީ ދިވެހިރާއްޖޭގެ ޖިނާއި ޢަދުލުގެ ނިޒާމާއި މަދަނީ ޢަދުލުގެ ނިޒާމާއި ޢާއިލީ ޢަދުލުގެ ނިޒާމުގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ގެންނަން ޖެހޭ އިޞްލާޙްތައް ގެނައުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދައިފައިވާ ކޮމިޓީއެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.