ޗެންނާއީ (ފެބްރުއަރީ 1): ރާއްޖޭގައި ހަނީމޫން ހޭދަކުރަން އައި ސްކޮޓްލެންޑްގެ ދެމަފިރިން ފުޅިއަކަށް ލުމަށް ފަހު ކަނޑަށް އެއްލާލި މެސެޖެއް އިންޑިއާގެ ޓައުނެއް ކަމަށްވާ މަމާލަޕޫރަމްގެ ގޮނޑުދޮށުން ހޮވައިފި އެވެ.

މީގެ އަށް މަސް ކުރިން ރާއްޖޭގެ މޫފުށި ކޯސްޓަލް ރިޒޯޓުން ދޫކޮށްލި އެފުޅި މަމާލަޕޫރަމްއާ ހަމައަށް ގޮސްފައި ވަނީ އެއްހާހަށް ވުރެ ގިނަ ކިލޯ މީޓަރަށް އޮޔާއެކު ދިޔުމަށްފަހު އެވެ. އެފުޅި ފެނިފައި ވަނީ މަމާލަޕޫރަމްގެ އިރުމަތީ ސަރަހައްދުގެ ގޮނޑުދޮށުން ހިނގާފައި ދިޔަ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ކޮތަންޑަބަނީއަށެވެ.

ޝެމްޕެއިން ފުޅިއެއްގައި އޮތް އެމެސެޖު ލިޔެފައި ވަނީ ސްކޮޓްލެންޑަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ލިންސޭ ރައިޓްއާއި މާކް ގައިލްސް ކަމަށް އެ ނޯޓޫގައިވެ އެވެ.

"މިސްޓަ އަދި މިސިސް ގައިލްސް ހަނީމޫން ހޭދަކުރީ މޫފުށީގައި. އަހަރުމެން މަސް ބާނަން ދިޔުމުން ކަނޑުގައިވާ އެންމެ ބޮޑު މަސް ބޭނުނު. އެހެންވެ އެކަން ފާހަގަ ކުރުމަށްޓަކައި މިޝެމްޕެއިން ފުޅި ބުއީ. މިނޯޓު ފެނިއްޖެ ނަމަ ފެނުނު ތަނެއް އަޅުނގަޑުމެންނަށް އަންގައިދިނުން އެދެން،"

އެއަށް ފަހު ސްކޮޓްލޭންޑުގައި ހުންނަ އެދެމަރިފިންގެ އެޑްރެސް ދީފައިވެ އެވެ.

ކޮތަންޑަބަނީ ވަނީ އެދެމަފިރިންނަށް ގުޅާފަ އެވެ. އަދި އެމީހުން ވަނީ ވީހާ ވެސް އަވަހަށް އިންޑިއާއަށް ގޮސް ކޮތަންޑަބަނީއާ ބައްދަލުކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް އޭނާ ބުންޏެވެ.

މަމާލަޕޫރަމްއަށް ދިޔުމުގެ ކުރިން އެފުޅި ވާނީ އިންޑިއާގެ ކަނޑާއި ސްރީލަންކާގެ ބޭ އޮފް ބެންގާލް ހުރަސްކޮށްފަ އެވެ.