01 Feb 2016, 10:09
ތިންހާސް ހަސަތޭކަ ފަސްދޮޅަސް ދަރިވަރުންނާ އެކު ގައުމީ ޔުނިވަސިޓީގެ ދިރާސީ އައު އަހަރުގެ ކިޔެވުން އިއްޔެ ފައްޓައިފި އެވެ.
ގައުމީ ޔުނިވަސިޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޔުނިވަސިޓީ އަށް މި އަހަރު އަލަށް ގުޅުނު ދަރިވަރުންނާ އެކު މިހާރު ގައުމީ ޔުނިވަސިޓީގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 9800 އަށް އަރާފައިވާ ކަމަށެވެ.
މާލޭ ސިޓީގައި ހިންގަމުން އަންނަ ކެމްޕަސްތަކާއި މަރުކަޒުތަކުގެ އިތުރުން، ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ހިންގަމުން އަންނަ އެ ޔުނިވަސިޓީގެ ކެމްޕަސްތަކުގަައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ޓާމުގައި 160 އަށް ވުރެ ގިނަ ކޯސް ހިންގުމަށް ތާވަލްކޮށްފައިވާ ކަމަށް އެ ޔުނިވަސިޓީ އިން ބުންޏެވެ.
ގައުމީ ޔުނިވަސިޓީ އިން ބުނީ މި ޓާމުގައި ދަރިވަރުން ދަފްތަރުވާން ޖެހޭ ސުންގަނޑި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ކޯސްތަކަށް ފީ ދެއްކުމުގެ ސުންގަޑި ވެސް އެ ދުވަހަށް ހަމަވާނެ ކަމަށް އެ ޔުނިވަސިޓީ އިން ބުންޏެވެ.