01 Feb 2016, 09:28
ސްޕްނިޝް ލީގުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކާއެކު 6-0ގެ ނަތީޖާ އަކުން ރެއާލް އިން އެސްޕަނިއޯލްގެ މައްޗަށް ކުރި ހޯދައިފި އެވެ.
އެ ނަތީޖާ އެކު ރެއާލް އަދިވެސް އޮތީ 47 ޕޮއިންޓާއި އެކު ލީގުގެ ތިންވަނާގަ އެވެ. އެތުލެޓިކޯ މެޑްރިޑް 48 ޕޮއިންޓާ އެކު ދެ ވަނާގައި އޮތް އިރު އެއް ވަނާގައި 51 ޕޮއިންޓާއި އެކު އޮތީ ބާސާ އެވެ. ރޭގެ މެޗުން ބަލިވި އެސްޕަނިއޯލް އޮތީ 22 ޕޮއިންޓާއި އެކު 15 ވަނާގައެވެ.

ސްޕްނިޝް ލީގްގައި ރެއާލް އާއި އެސްޕަނިއޯލް ކުޅުނު މެޗުގައި ބެންޒެމާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ
ރެއާލްގެ ސެންތިއާގޯ ބާނަބިއު ގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ވަނީ ހަތަރު ގޯލް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ބެންޒެމާ އެސްޕަނިއޯލްގެ ގޯލް ހުޅުވާލަ ދިން އިރު ޖޭމްސް ރޮޑްރިގޭޒް ގޯލެއް ކާމިޔާބް ކޮށްދިން އިރު ރޮނާލްޑޯ ވަނީ ދެ ގޯލު ކާމިޔާބު ކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް އެސްޕަނިއޯލްގެ ގޯލަށް ރެއާލް އިން ވަނީ ގިނަ ހަމަލާތަކެއް އަމާޒް ކޮށްފަ އެވެ. އެގޮތުން ދެ ވަނަ ހާފުގައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު ފަހު ގޯލް ކާމިޔާބް ކޮށްދިނީ އޮސްކާ ޑުއާޓީ އެވެ.

ސްޕްނިޝް ލީގްގައި ރެއާލް އާއި އެސްޕަނިއޯލް ކުޅުނު މެޗުގައި ޖޭމްސް އަތުން ބޯޅަ ހޯދުމަށް އެސްޕަނިއޯލްގެ ކުޅުންތެރިން މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައުނުއްދީން ޒިދާން ބުނީ ނަތީޖާއާ މެދު ހައިރާންވާ ކަމަށާއި އެއީ އެއްވެސް މެޗެއްގައި ފަހެއް ނުވަތަ ހަ ގޯލު ކާމިޔާބު ކުރުމަކީ ފަސޭހަ ވާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެން ޓީމާއި ހަވާލުވި ފަހުން ކުޅުނު އެންމެ ރަނގަޅު މެޗެކޭ ބުނާކަށް ނޭންގޭ. ނަމަވެސް ކުޅުންތެރިންގް ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ. ކުޅުންތެރިންގެ ފެންވަރު ފެނިގެން ހިގައްޖެ. ހުރިހާ ވެސް ވިސްނުމެއް ހުރީ ގޯލުތަކެއް ކާމިޔާބް ކޮށްގެން މެޗުތަކުން މޮޅުވުން،" ޒިދާން ބުންޏެވެ.
ޒިދާން ވަނީ މެޗުގައި ހެޓްރިކް ހެދި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމާއި މެދު ތައުރީފް ކޮށް ވާހަކަ ދައްކާފައެވެ.
"އެއް މެޗެއްގައި ދޭއް ނުވަތަ ތިން ގޯލް ރޮނާލްޑޯއަށް ކާމިޔާބް ނުކުރެވިއްޖެ ނަމަ މީހުން ބުނޭ ރޮނާލްޑޯގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނެއޭ. ނަމަވެސް ބައެއް މެޗުތަކުގައި ގޯލެއް ނުޖެހުނު ނަމަވެސް އެއީ މައްސަލަ އެއް ނޫން. މި މެޗުގައި ވެސް އޭނާގެ ފަރާތުން ފެނިގެން ދިޔަ ޑިފެންސްސައް ވެސް ކުޅުނު ތަން،" ޒިދާން ބުންޏެވެ.