01 Feb 2016, 09:15
ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުންނަށް ލުއި ފަސޭހަ ކަމާ އެކީގައި ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"މުވައްޒަފުންގެ ސްކީމް"ގެ ނަމުގައި އިއްޔެ ސޮއި ކުރި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެ ފައިނޭންޝަލް ސްކީމްގައި އެސްޓީއޯގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
"މި ސްކީމްގެ އެންމެ ބޮޑު ބޭނުމަކީ ޅައުމުރުގައި ހައްޖައް ދިއުމަށް ބާރުއެޅުން،" ޝަހިރު ވިދާޅުވިއެވެ.
ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވީ އެ ސްކީމްގެ ބޭނުމަކީ ޒުވާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
"ދިވެހި ރާއްޖޭގެ އެންމެ ބޮޑޫ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އަޅުގަނޑުމެންގެ ސްކީމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް" ޔާމީން ވިދާޅުވި އެވެ.
އެސްޓީއޯގެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ފަސޭހަ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާއި އެކު އިއްޔެ އެއްބަސްވެފައިވާއިރު ހައްޖު ކޯޕަރޭޝަނުން ގާއިމްކޮށްފައިވާ މުވައްޒަފުން ހައްޖު ސްކީމްގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ބައިވެރިވެފަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މުވައްޒަފުންގެ ހައްޖު ސްކީމަށް ކުންފުނިތަކުގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.