19 Apr 2011, 19:18
ލޯކަލް ގަވަނަންސް އުނގަންނައިދީ އެ ދާއިރާ އަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އަމިއްލަ ބަޔަކު އުފެއްދި ޖަމިއްޔާ ”ލޯކަލް އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑެވެލޮޕްމަންޓް" ރޭ އިފްތިތާހު ކޮށްފި އެވެ.
ކުރީގެ އެޓޮލްސް މިނިސްޓަރު އަދި ބަނޑޮހުގެ ވެރިޔާ މުހައްމަދު ވަހީދުންދީން[ޑީން]ގެ މަސްއޫލުވެރިކަމުގައި އުފެއްދެވި އިންސްޓިޓިއުޓް އިފްތިތާހުކޮށްދެއްވީ ކޮމަންވެލްތުގެ ލޯކަލް ގަވަމަންޓް ފޯރަމްގެ ސެކްރެޓްރީނެރަލް ކާލް ރައިޓެވެ.
އެ އިންސްޓިޓިއުޓުން ކުރުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ ކަމަކީ ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަށް އުނގަންނައިދިނުމެވެ. ކައުންސިލަރުންނަށް އުނގަންނައިދިނުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ދެ ހަފްތާގެ ކޯހެއް ހިންގުމަށް އެ އިންސްޓިޓިއުޓުން ވަނީ ނިންމައިފަ އެވެ.
އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑެވެލޮޕްމަންޓް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީން ވިދާޅުވީ އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިކަމުގެ ނިޒާމަށް ބަދަލު އައިސްފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން ހޭލުންތެރި ނުވުމުގެ ސަބަބަން އެތަންތަނަށް ހަގީގީ ޑިމޮކްރަސީ އައިސްފައިނުވާ ކަމަށް ޑީން ވިދާޅުވި އެވެ. އަދި އެ އިންސްޓިޓިއުޓްގެ ބޭނުމަކީ ރައްޔިތުންނަށް އުނގަންނައިދީ ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ޑީން ވިދާޅުވި އެވެ.
"ރައްޔިތުންނަށް އުނގަންނައިދިނުމަކީ ހަމައެކަނި ނަމާދު ކުރަން ދަސްކޮށްދީ ގުރުއާން ކިޔުމަށް އެނގި 100 އާ ހަމައަށް ގުނަން އެނގުމެއް ނޫން. ރައްޔިތުންނަށް ފުރުސަތު ލިބެންޖެހޭނެ އެ ރައްޔިތުން ބޭނުން ކަމެއް، ބޭނުން ގޮތަކަށް މާތް ވެގެންވާ އިސްލާމް ދީނުގައި އޮތް ގޮތަށް ގާނޫނު އަސާސީ ވެސް ތަންދޭ ގޮތަށް ކަންތައް ކުރުމަށް،" ޑީން ވިދާޅުވި އެވެ. "އެ ފުރުސަތު އެމީހުންނަށް ހުޅުވާލަން ޖެހޭނެ."
ޑީން ވިދާޅުވީ މުސްތަގްބަލްގައި ރާއްޖޭގައި އެ ރަށަކަށް އަންނާނެ ކުރިއެރުމަކާއި ތަރައްގީއެއް މައި ސަރުކާރުގެ ބަދަލުގައި އިހްތިޔާރު ކުރާނީ އެ ރަށެއްގެ ރައްޔިތުން ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ގައުމަށާއި ސަރުކާރަށް ވެސް މާ ބޮޑަށް ފަސޭހަވާނެ އެވެ. އެކަމަކު ރައްޔިތުންގެ އަޑުއެހޭނީ އެމީހުން ހެޔޮވިސްނޭ ވާހަކަ ދައްކައިގެން ކަމަށާއި އެފަދަ ވާހަކަތައް ދެއްކޭނީ އެމީހުން އުނގަންނައިދީގެން ކަމަށް ޑީން ވިދާޅުވި އެވެ. އަދި އެ އިންސްޓިޓިއުޓްގެ ބޭނުމަކީ ރައްޔިތުންނަށް އުނގަންނައިދިނުން ކަމަށް ތަކުރާރުކޮށް ޑީން ވިދާޅުވި އެވެ.
މީގެ އިތުރުން ޑީން ވިދާޅުވީ ލޯކަލް ގަވަނަންސްގެ ނިޒާމަކީ ގައުމު ހިންގުމަށް ފަސޭހަ ނިޒާމަކަށް ވިއަސް، ސަރުކާރުތަކުން އެ ނިޒާމް އިހްތިޔާރު ކުރުމަށް ބޭނުންނުވާ ކަމަށެވެ. ޑީން ވިދާޅުވީ ސަރުކާރުތަކުން އެގޮތް ބޭނުން ނުވަނީ ރައްޔިތުންގެ މައްޗަށް ބާރުވެރިވެ އެމީހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އެކަމަކު ކިތަންމެ ބާރުގަދަ ވެރިޔަކު ނަމަވެސް ގައުމެއްގައި އެންމެ ބާރުވެރި ފަރާތަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ބާރުގަދަ ވެރިޔަކު ވެރިކަމުގައި ހުއްޓަސް. ކިތަންމެ ތެލެއް އެ ގައުމުގައި ހުއްޓަސް. ކިތަންމެ ގަދީމީ ތާރީހެއް އެ ގައުމުގައި އޮތް ކަމުގައި ވިޔަސް. ރައްޔިތުންގެ ބާރު، ޕީޕަލްސް ޕަވާ މިއީ އެންމެ ބާރުގަދަ ފަރާތަކީ." ޑީން ވިދާޅުވި އެވެ.