ލެބޯޓަރީ ޓެކްނޮލިޖީ އާއި ރޭޑިއޯގްރަފީ ދާއިރާއިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާމަސީ އެސިސްޓެންޓުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވަނީ ލެބޯޓަރީ ޓެކްނޮލޮޖީ އެސިސްޓެންޓް ދާއިރާއިންނާއި ރޭޑިއޯގްރަފީ އެސިސްޓެންޓްގެ ދާއިރާއިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާން ކުރައްވާފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ލެބޯޓަރީ ޓެކްނޮލޮޖީ އެސިސްޓެންޓް ރޮނގުން ސެޓްފިކެޓު ތިނެއް އަދި ހަތަރެއްގެ ކޯހުގެ ފުރުސަތު 1000 ޒުވާނަކަށް ދޭއިރު ރޭޑިއޯގްރަފީ އެސިސްޓެންޓް ރޮގުން ސެޓްފިކެޓު ތިނެއް އަދި ހަތަރެއްގެ ކޯސްތައް 100 ޒުވާނަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކޯހަށް އެދުމުގެ ފުރުސަތާއި ކިޔަވައިދޭ މުއްދަތު ފަދަ ތަފްސީލްތައް އަދި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު 1000 ފުރުސަތު އެ މިނިސްޓްރީން ހުޅުވާލިއިރު 700 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ 401 ދަރިވަރުން މިރޭ ވަނީ ދަސްވެނިވެފައެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާ ކުދިންނާއި ޒުވާނުންނަށް ފުރުސަތުތައް ފުޅާކޮށް އެކަށިގެންވާ ފުރުސަތުތައް ދިނުމަކީ ރައީސް ޔާމީންގެ ސިޔާސަތު ކަމަށާއި މިސަރުކާރުން ދަނީ އަތޮޅު ތަކާއި ގުޅާލެވިފައިވާ ވީޑިއޯ ކޮންފަރެސްގެ ނިޒާމަކުން ގޮންޖެހުންތައް ސަލާމަތްކުރަމުން ކަމަށްވެސް މިނިސްޓަރު މިރޭ ވިދާޅުވިއެވެ.