އިނގިރޭސި އެފްއޭ ކަޕްގައި ޗެލްސީގެ އޮސްކާ ކާމިޔާބް ކުރި ހެޓްރިކާ އެކު 5-1ގެ ނަތީޖާ އަކުން މިލްޓަން ކީނިސް ޑޮންސް ބަލިކޮށް ޗެލްސީ ފަސް ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ޗެލްސީން ކުޅުނު އެ މެޗުގެ 15 ވަނަ މިނެޓްގައި ޑިއެގޯ ކޯސްޓާގެ އެހީތެރިކަމާ އެކު އޮސްކާ ޗެލްސީއަށް ލީޑް ނަގައިދިން އިރު 21 ވަނަ މިނެޓްގައި މިލްޓަންގެ ޑަރެން ޕޮޓާ ވަނީ ގޯލެއް ކާމިޔާބް ކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ފަހަރަށް އޮސްކާގެ ގޯލުން ޗެލްސީ ލީޑް ނެގި އިރު 44 ވަނަ މިނެޓްގައި ސެސް ފެބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތަކުން އޮސްކާ ވަނީ އެ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ދެވަނަ ހާފްގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ އެއްގައި 55 ވަނަ މިނެޓްގައި އެޑެން ހެޒާޑް ގޯލެއް ކާމިޔާބް ކޮށްދިން އިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބާޓްރެންޑް ޓްރާރޯގެ ގޯލުން އެ ޓީމު ވަނީ ލީޑް އިތުރަށް ފުޅާ ކޮށްފައެވެ.

ޗެލްސީ އަށް ލިބުނު އެ މޮޅާ އެކު އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އެ ޓީމް ނިކުންނަށް ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.