31 Jan 2016, 23:41
މާލެއިން ހުޅުމާލެއަށް ދަތުރުކަމުންދިޔަ އެމްޓީސީސީގެ ފެރީއަކާއި މުދާ ފެރީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިރޭ 10:07 ކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައެއްނުވެއެވެ.
އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް މިރޭ ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށްދިޔަ "ނިޔާމަ5" ފެރީ ހުޅުމާލެއަށް ވަންނަން އުޅުމުގެ ތެރޭގައި ފަހަތުން އައި މުދާފެރީއެއް އެ ފެރީގައި ޖެހުމުން ކަމަށެވެ.
"ފަސިންޖަރުންނަކަށް ސައިކަލަކަށް ގެއްލުމެއްވެފައިނުވޭ. ނިޔާމަ ފަހެއްގެ ތަނބުވަނީ ބިންދައިގެން ގޮސްފައި،" ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލެއާއި މާލެއާއި ދޭތެރޭ ދަތުރުތައް ކުރާ އެމްޓީސީސީގެ ފެރީތައް އެކްސިޑެންޓްވުމަކީ މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ.