31 Jan 2016, 23:37
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީ އެއް ހިނގުމުގެ މަސައްކަތުގެ ތެރެއިން ތަމްރީނު ކުރި 401 ފާމަސީ އެސިސްޓެންޓުންގެ ދަސްވެނިވުން ބާއްވައިފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ 401 ދަރިވަރުންގެ ދަސްވެރިވުން ބާއްވާފައިވާއިރު އެކަން ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، މިފަހަރު 401 ދަރިވަރުން ދަސްވެނިވެފައިވާއިރު ދެ އަހަރުތެރޭގައި 700 އެއްހާ ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރެވިގެންދާނެ ކަމަށެވެ.

އެސްޓީއޯއާއި އެޑިއުކޭޝަން މިނިސްޓްރީގެ ޓިވެޓް އޮތޯރިޓީން އެކޯސް ހިންގާފައިވާގޮތުން، ކޮންމެ ކުއްޖަކު އާއިލާކައިރީ ރަށުގައި ތިބެގެން އިންޓަނެޓް ލިބޭ ޑިވައިސްއެއް ބޭނުންކޮށްގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދިޔަކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"މިހިންގުނު ފާމަސީ އެސިސްޓެންޓް ކޯހުގައި ދަރިވަރަށް ބޭނުންވާ ކޯހުގެ ލިޔުންތަކާއި ދަސްކުރަން ބޭނުންވާ މައުލޫމާތު އެކުދިންގެ އަތަށް ފޯރުކޮށްދެވުނު. މިގޮތުން 19 އަތޮޅުގެ 118 ރަށަކަށް އެހިދުމަތް ދެވިފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެވްރެޖް ގޮތެއްގައި އެފަދަ ކޯހެއް ހެދުމަށް ކުއްޖަކަށް 60،000 ރުފިޔާ ހަރަދުކުރަން ޖެހޭ ނަމަވެސް އެސްޓީއޯއާއި ޓިވެޓާއި ގުޅިގެން ހިންގި ކޯހުގައި އެންމެ ގިނައިންވެސް ހަރަދު ކުރަންޖެހިފައިވަނީ ދަރިވަރަކަށް 3000 ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ހުޅުވާފައެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ފާމަސީ ހުޅުވުމުގެ ޕުރޮޖެކްޓް އެސްޓީއޯއިން ފެށިއިރު އޭރު އެސްޓީއޯއިން ދިޔައީ ނުވަ ރަށެއްގައި ފާމަސީ ހިންގަމުންނެވެ. އެއަށްފަހު އެސްޓީއޯއިން ވަނީ 177 ފާމަސީ އެކި ރަށްރަށުގައި ހުޅުވާފަ އެވެ. އެހެން ކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި އެސްޓީއޯގެ ފާމަސީ ހުރެއެވެ.