31 Jan 2016, 23:10
ލ. މާވަށުން މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން މޫދަށް ގެނބުނު ލ. އަތޮޅު ކައުންސިލްގެ މާވަށު ދާއިރާގެ މެންބަރު މުހައްދު އަބްދުއްރަހްމާން ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިރޭ ވިދާޅުވީ، "ކައުންސިލަރު މުހައްމަދު މިރޭ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާ،" ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިރޭ ވިދާޅުވީ، މިރޭ 8:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅުނު އެހާދިސާގައި އެކަކު ގެއްލެން މެދުވެރިވީ، އެ ދެމީހުން މަހަށް ނުކުމެއުޅުނު ޑިންގީ ބަންޑުން ޖެހުމާއެކު ފަތާފައި ރަށަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ލ. އަތޮޅު ކައުންސިލްގެ މާވަށު ދާއިރާގެ މެންބަރު މުހައްދު އަބްދުއްރަހްމާން-- ފޮޓޯ: ލ އަތޮޅު ކައުންސިލް
ސަން އަށް އެނގިފައިވާގޮތުގައި ނިޔާވި ކައުންސިލަރާއެކު ދެން އެއިންޑީގައި އިނީ އޭނާގެ އަންހެނުންގެ ބައްޕައެވެ. އޭނާގެ ހާލު ރަނގަޅެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސާ ހަވާލާދީ، ލ. ގަމުގައި ހުންނަ ސަންގެ ކަރެސްޕޮންޑެންޓް އަލީ ވާފިރު ބުނީ، މިރޭ ނިޔާވި މުހައްދު އަބްދުއްރަހްމާންގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެ މަރުހޫމްގެ އުފަން ރަށް ކަމަށްވާ ލ. މާވަށުގައި ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު މާވަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވާފިރު ބުންޏެވެ.