ލ. މާވަށުން ދެ މީހަކު މަހަށް ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދަށް ގެނބިފައި އޮއްވައި ފެނިއްޖެ އެވެ.

ސަންއަށް މައުލޫމާތުދެއްވަމުން ލ. ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަބްދުﷲ މިރޭ ވިދާޅުވީ، މަހަށް ނުކުމެއުޅެނިކޮށް ބަންޑުން ޖަހާލި ޑިންގީން ގެއްލުނީ ލ. އަތޮޅު ކައުންސިލްގެ މާވަށު ދާއިރާގެ މެންބަރު މުހައްދު އަބްދުއްރަހްމާން ކަމަށެވެ. އަދި މިހާރު އޭނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސްކަމަށް ވެސް ވިދާޅުވިއެވެ.

"އޭނާ ދެންމެ އެ ގެންދިޔައީ ހޮސްޕިޓަލަށް. ހާލު ސީރިއަސް. ފެނުނީ މޫދު އަޑިން،" މޫސާ އަބްދުﷲ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިރޭ ވިދާޅުވީ، މިރޭ 8:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅުނު އެހާދިސާގައި އެކަކު ގެއްލެން މެދުވެރިވީ، އެ ދެމީހުން މަހަށް ނުކުމެއުޅުނު ޑިންގީ ބަންޑުން ޖެހުމާއެކު ފަތާފައި ރަށަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.