31 Jan 2016, 21:40
ހަށިގަނޑުން ގަހުގެ ބޭރު ތޮށިގަނޑު ހެން ހީވާ އެއްޗެހިތަކެއް ފަޅާފައިވާ ބަނގްލަދޭޝްގެ ރައްޔިތަކަށް، އެހާލަތު ދިމާވިތާ ދިހަ އަހަރު ފަހުން ފަރުވާ ދިނުމަށް ސިއްހީ މާހިރުން ތައްޔާރުވެއްޖެ އެވެ.
އަބުލް ބަޖަންދަރު ނަމަކަށް ކިޔާ، 26 އަހަރުގެ މި ފިރިހެން މީހާގެ ދެއަތާއި ދެފައިން އާދަޔާއި ޚިލާފު ފޮޅުތަކެއް ނަގަން ފަށައި، އެތަކެތި ބޮޑުވެ އެންމެ ފަހުން ވަނީ ގަހެއްގެ ތޮށިގަނޑު ރަމްޒުވާ ކަހަލަ އެއްޗެހިތަކަކަށް ބަދަލުވެފަ އެވެ. ބަޖަންދަރުގެ ވަނަމަކަށް "ޓްރީ މޭން" ކިޔުނީ މި ހާލަތާއި ގުޅިގެންނެވެ.
އޭނާ ބުނާ ގޮތުގައި، މީގެ 10 އަހަރު ކުރިން ފެންނަން ފެށި މި ތަކެއްޗާއި މެދު އޭނާ އެންމެ ފުރަތަމަ ފަރުވާލެއް ނުބަހައްޓަ އެވެ.

ބަޖަންދަރު މިހާރު އޮތީ ދާކާގެ ޑީއެމްސީ ހޮސްޕިޓަލުގައި -- ފޮޓޯ: ޑެއިލީމެއިލް
"އަހަރެން ހީކުރީ އަހަރެންނަށް މާ ބޮޑު ގެއްލުމެއް ފޯރުވާނެ އެއްޗެއް ނޫންކަމަށް މިއީ. އެކަމަކު އެންމެ ފަހުން މަސައްކަތް ކުރުމާއި ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ވެސް ގެއްލުނީ،" އޭނާ ބުންޏެވެ.
ބަޖަންދަރުގެ ދެ އަތުގައި ފަޅާފައިވާ މި "ގަސް ތޮށި"ތައް ތިން އިންޗީގެ ދިގުމިނަށް ބޮޑުވެފައި ހުރި އިރު، އޭނާގެ ފަޔާއި ފައިތިލައިގައި ވެސް މިތަކެތި ދަނީ ފަޅަމުންނެވެ.

ޑީއެމްސީ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ ޓީމެއް ދަނީ އަބުލް ބަޖަންދަރު، 26އަށް ފަރުވާ ދިނުމަށް ތައްޔާރުވަމުން -- ފޮޓޯ: ޑެއިލީމެއިލް
ބަޖަންދަރަށް ޖެހިފައިވަނީ، އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ނަމަކަށް ކިޔާ ހަމުގެ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ބަޖަންދަރު މިހާރު އޮތީ ދާކާގެ ޑީއެމްސީ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުން އެކުލެވޭ މެޑިކަލް ބޯޑެއް އުފައްދައި، އެ ބޯޑުން ވަނީ ބަޖަންދަރަށް ފަރުވާ ކޮށްދިނުމަށް ނިންމައިފަ އެވެ.

ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބުލް ބަޖަންދަރު، 26. އޭނާއަށް ޖެހިފައި ވަނީ، އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ނަމަކަށް ކިޔާ ހަމުގެ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނޭ -- ފޮޓޯ: ޑެއިލީމެއިލް
އޭނާގެ ގައިގައި އުފެދިފައި ހުރި ތަކެތި، ހަށިގަނޑާއި އެތެރެހަށްޓަށް ގެއްލުން ނުވާނެ ގޮތަކަށް ސާޖަރީ މެދުވެރިކޮށް ނެއްޓޭނެ ގޮތެއް ޑީއެމްސީ ހޮސްޕިޓަލުން ބަލަމުން ދާ އިރު، ބަޖަންދަރަށް ސިއްހީ ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުން ނިންމާފައި ވަނީ ބަދަލުގައި ފައިސާ ނުނަގާ ގޮތަށެވެ.
މަސްދަރު:މެއިލް އޮންލައިން، ދަ ގާޑިއަން