31 Jan 2016, 22:58
ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ގައުމީ ފިރިހެން ބާސްކެޓް ޓީމުން ތައިލެންޑްގައި މިހާރު ކުރިއަށް ގެންދާ ތަމްރީނު ކޭމްޕްގައި ބެންކޮކް ބްރަޕާ ޔުނިވަސިޓީގެ ބާސްކެޓްބޯލް ޓީމާ ދެކޮޅަށް ކުޅުނު މެޗް 12 ޕޮއިންޓްގެ ތަފާތުން ގައުމީ ބާސްކެޓް ޓީމު ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުޅުނު މެޗްގައި ގައުމީ ބާސްކެޓް ޓީމުން 82 ޕޮއިންޓް ހޯދިއިރު ބެންކޮކް ބްރަޕާގެ ޓީމަށް ހޯދިފައިވަނީ 70 ޕޮއިންޓެވެ.
މެޗްގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަހްމަދު ޒިލާލްއެވެ. އޭނާ ވަނި ރާއްޖޭގެ ޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ.
ތައިލެންޑްގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ގައުމީ ބާސްކެޓް ޓީމުގެ ކޯޗް އަހްމަދު ފަޔާޒު ބުނީ، މިއަދުގެ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ޓެކްނިކަލީވެސް ކުޅުންތެރިންގެ ފެންވަރު ހުރިކަން ސާބިތުކޮށްދީފި ކަމަށެވެ.
"މިއަދު ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ. މެޗަކީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް. ޓެކްނިލީވެސް ކުޅުންތެރިންގެ ޕާފޯމަންސާ މެދުވެސް ވަރަށް ހިތްހަމަޖެހޭ،" ފަޔާޒު ބުންޏެވެ.
ފަޔާޒު ބުނީ ތައިލެންޑްގެ ތަމްރީނު ކޭމްޕުގައި އަދިވެސް ވާދަވެރި މެޗްތަކެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.