31 Jan 2016, 19:06
ކަރަންޓު ކެނޑުމުން ހާލުގައި ޖެހުނު ގދ. ތިނަދޫއަށް ކަރަންޓު ލިބުމާއެކު ކުރިން އޮތް ހާލަތަށް ރުޖޫއު ވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގެ އެނދުމުގެ ސަބަބުން މުޅި އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. ތިނަދުއަށް އަލުން ކަރަންޓު ދޭން ފަށާފައިވަނީ ރޭ އިރުއޮއްސި 6:00 ގައެވެ. ތިނަދުއަށް އިއްޔެ ކަރަންޓު ދީފައިވަނީ ހުކުރު ދުވަހު އެރަށަށް ގެނައި 1 މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ މިރޭ ސަންއަށް ވިދާޅުވީ، އެރަށަށް އިއްޔެ ކަރަންޓު ލިބުމާއެކު އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ. ތިނަދޫ ހާލުގައިޖެހިފައިވީ ދުވަސްވަރު އެރަށަށް ހެޔޮއެދޭ ފަރާތްތަކުން ފޮނުވާފައިވާ ތަކެތި ބެހުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒު ޕްރިންސިޕަލް ޒީމާ އަބްދުﷲ ވިދާޅުވި ގޮތުގައި އިއްޔެ ކަރަންޓު ލިބުމާއެކު އެރަށު ތިން ސުކޫލުގައިވެސް އާންމު ދުވަސްތަކެކޭ އެއްފަދައިން ވަނީ ކިޔަވައިދިނުން ފަށައިފައެވެ.
ތިނަދޫ ފެނަކައިގެ އިސް އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، އިއްޔެ ހަވީރު ހަޔަކުން ފެށިގެން މެދުނުކެނޑި 24 ގަޑިއިރު ތިނަދުއަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. އެރަށު ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެގޮތުން އިތުރު 1.4 މެގަވޮޓްގެ ޖަނަރޭޓަރެއް މިރޭ އެރަށަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ތިނަދޫއިން ކަރަންޓު ކެނޑުމާއެކު އާންމު ރައްޔިތުން ވަނީ ވަރަށް ހާލުގައިޖެހިފައެވެ. އެގޮތުން ރޭގަނޑު ނިދުމާއި ފެންވަރައި ހެދުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިވެފައެވެ. ކަރަންޓު ނެތް ފަސް ދުވަހު ތިނަދޫ ރައްޔިތުން ވަގުތުހޭދަކުރީ ފުޅިބައްތި އާއި އުށްބައްތީގެ އެހީގައެވެ.