31 Jan 2016, 19:13
ފައިނަލްގައި އިނގިރޭސި ވިލާތުގެ އެންޑީ މަރޭގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ސާބިއާގެ ނޮވޯކް ޖޮކޮވިޗް ހޯދައިފިއެވެ.
މިއަދު ކުޅުނު ފައިނަލް މެޗުން މޮޅުވުމާއެކު ޖޮކޮވިޗް ވަނީ އޭނާގެ ޓެނިސް ހަޔާތުގައި ހަ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައެވެ. އަދި މިއި އޭނާ ކާމިޔާބު ކުރި 11 ވަނަ ގްރޭންޑް ސްލޭމްސް މުބާރާތެވެ.
ހަ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމާއެކު ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާގެ ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ރޯއީ އެމަސަންގެ ރެކޯޑާ އެއް ވަރުވެފައެވެ.
އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ކުޅުނު ފައިނަލް މެޗްގައި ފުރަތަމަ ސެޓް ޖޮކޮވިޗް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 6-1 ންނެވެ. އަދި ދެވަނަ ސެޓާއި ތިން ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު ދެވަނަ ސެޓް 7-5 ން އަދި ތިން ވަނަ ސެޓް ކާމިޔާބު ކުރީ 7-6 ންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ ފައިނަލް މެޗް ދިޔައީ ވަރަށް ޓަފްކޮށް ކަމަށާއި އެހެންވެ މަރޭއަށް އެކަމަށް އިހްތރާމު އަދާ ކުރާ ކަމަށެވެ.
"މިއީ އަހަރެންގެ ހަޔާތުގައި ކުޅުނު އެންމެ ޓަފް މެޗް. މަރޭ ވަނީ ވަރަށް ރަނގަޅު ފައިޓެއް ދީފައި،" ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ އެންޑީ މަރޭއާ ބެހޭގޮތުން ބުންނެވެ.
މަރޭ ބުނީ ފައިނަލް މެޗްގައި އޭނާއަށް ވަރަށް ބޮޑު އުނދަގޫވި ކަމަށާއި އެހެން ދިމާވީ ޓެނިސްކޯޓާއި ދުރުގައި ހަފުތާއެއް ހޭދަން ކުރަން ޖެހުމުން ކަމަށެވެ.
މަރޭގެ އަންހެނުން އިނީ، މި ފެށޭ ފެބްރުއަރީ މަހު އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވިހަން ތައްޔާރުވެފައެވެ.