31 Jan 2016, 19:29
ސިވިލް ސާވަންޓުންނަކީ ދިވެހިރާއްޖޭގައި ތިބި އެންމެ މުހިއްމު ހިދުމަތްތެރިން ކަމަށާއި ސިވިލް ސާވެންޓުންނަށް ދިވެހި ރައްޔިތުންނާއި ސަރުކާރުން ވެސް އަޅާލަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެވެ.
ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2016 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް މިއަދު އެ އިންސްޓިޓިއުޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ސަރުކާރުގެ 95 ޕަސެންޓަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.
"95 ޕަސެންޓު ސަރުކާރު ހިންގަން ހިދުމަތްތެރިންގެ ގޮތުގައި ތިބި ފަރާތްތަކަށް ޝުކުރުވެރިކަމާއެކު ތައުރީފުގެ ބަހެއް ރައްދު ނުކުރެވޭ.... އެހެންވެ އަޅުގަނޑު މި ދަނޑިވަޅުގައި ރައްޔިތުންނަށް މިގޮވާލަނީ އަޅުގަނޑުމެންގެ ސިވިލް ސާވެންޓުންނަށް ޝުކުރުވެރިވެ ވަޑައިގެން ތައުރީފު ދެއްވާ ހިއްވަރު ދެއްވާށޭ،" ޑރ.ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ،ސަރުކާރުގެ އެހެނިހެން ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ވުރެ ތިން ގުނަ ބޮޑު ކަމަށެވެ.
"އެ މުއައްސަސާތައް ހަގީގަތުގައި ނުވެސް ހިންގޭނެ ސަރުކާރުގެ ހިނގުން ހުއްޓިފަ އޮތް ކަމަށް ވަންޏާ. އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވެންޓުންނަކީ އެންމެ މުހިއްމު ހިދުމަތްތެރިން ދިވެހިރާޢްޖޭގައި،" ޑރ. ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ނަޒާހަތްތެރިކަން ގެއްލުވާލަނީ އެ މުވައްޒަފުން އަމިއްލައަށް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަންކަމަކީ ރައްޔިތުންގެ ފަރާތުން އަންނަ ކަންތައްތައް ކަމަށް މިހާތަނަށް ކުރެވުނު ތަޖުރިބާއިން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދެ! ސަޔެއް ވައްޓާ މިލަނީ ނުވަތަ ރިޝްވަތެއް މި ދިއްކޮށްލަނީ ކޮންމެވެސް އެހެން ފަރާތަކުން، އެހެންކަމުން މިދަލުގަ ޖެހިގެން މިދަނީ ސިވިލް ސާވެންޓުންގެ ބައެއް މުވައްޒަފުން،ޑރ.ޝަމީމު
އޭނާ ވިދާޅުވީ، ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނެކޭ އެެއްގޮތަށް މުޖުތަމައުވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
ސަތޭކަ ވިހި ބައިވެރިންނާއެކު ސިވިލް ސާވިސް އިންސްޓިޓިއުޓްގެ ދިރާސީ އާހަރު މިއަދު ފެށިގެން ދިޔަ އިރު، އެ އިންސްޓިޓިއުޓްގައި މިއަހަރުވެސް ޑިޕްލޮމާ ޕްރޮގްރާމްތަކާއި އެގްޒެކެޓިވް ޕްރޮގްރާމް ތަކުގެ އިތުރުން ސެޓްފިކެޓު ލެވެލް ތިނެއްގެ ކޯސްތައްވެސް ހިންގުމަށް ހަމަޖެހިފައި ވެއެވެ.