ބ. އޭދަފުށީ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިއަދު އެރަށަށް ގެންގޮސްފި އެވެ.

އެރަށު ކައުންސިލް އިން ބުނީ މިއަދު އެރަށަށް ގެންގޮސްފައި ވަނީ ބައެއް މެޝިނަރީޒް އާއި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ކަމަށެވެ.

އޭދަފުށީ މަގު ހެދުމަށް މޯލްޑިވްސް ރޯޑު ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފައި ވަނީ މިިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ ރަށުގެ މަގު ހެދުމަށް ހަމަޖެހިފައި ވަނީ ތާރު އަޅައިގެންނެވެ. އެގޮތުން އެ ރަށުގެ 15 މަގު 3.36 ކިލޯ މީޓަރަށް އެމްއާރްޑީސީން ތާރު އަޅަން ޖެހޭ އިރު އެ މަސައްކަތުގެ އަގަކީ 33 މިލިއަން ރުފިޔާ އެވެ. އޭދަފުށީގެ މަގުތަކުގައި ތާރަ އަޅައި ނިންމަން ޖެހެނީ އަހަރު ދުވަސްތެރޭގަ އެވެ.

އެރަށު ކައުންސިލުން ބުނި ގޮތުގައި މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ.