ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޓީޓީ އެސޯސިއޭޝަނުން ހަމަޖެއްސި ޗައިނާގެ ކޯޗް ރިޔާ ވެއިގޫގެ ބެލުމުގެ ދަށުން ގެންދިޔަ ތަމްރީނު ތަކާއެކު ޓީޓީ ޓީމު ގޭމްސްއަށް ފައްކާވެފައި ވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ ރަޝީދު ސަންއަށް ވިދާޅުވީ، ގޭމްސްގައި ވާދަ ކުރާ ކުޅުންތެރިންގެ ފެންވަރު މިފަހަރު ރަނގަޅުވާނެ ކަމަށާއި އަންހެން ޓީމުގެ އިތުރުން ފިރިހެން ޓީމާ މެދުވެސް އުންމީދުތަކެއް ކުރާ ކަމަށެވެ.

ޢަލީ ރަޝިދު ވިދާޅުވީ، ޗައިނާގެ ކޯޗްގެ ބެލުމުގެ ދަށުން ޓީމުން ދިހަ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ޗައިނާގެ ހެނަން ޕްރޮވިންސްގެ ޓީމާ ދެކޮޅަށް ކުޅުނު މެޗްތަކަކީ ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކޮށްދޭނެ މެޗުތަކެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޓީޓީގައި ޗައިނާގެ ފެންވަރު. އެ ކުޅުންތެރިން ސާވް ކުރާ ގޮތާއި ބޯޅަ ސްޕިން ކުރާ ގޮތްވެސް ވަރަށް ތަފާތު، އަދި އެކުޅުންތެރިންނާ ދެކޮޅަށް ކުޅުނު މެޗްތަކުގައިވެސް ދިވެހި ކުޅުންތެރިން ވަނީ ރަނގަޅު ފައިޓެއް ދީފައި. ގޭމްސްގައި އަޅުގަނޑުމެން ވާދަ ކުރާނީ ޗައިނާގެ ކުޅުންތެރިންނަށް ވުރެ ފެންވަރުގެ ގޮތުން ދަށް ލެވަލެއްގެ ކުޅުންތެރިންނާ. އެހެންވެ ޗައިނާ ކުޅުންތެރިންނާ ދެކޮޅަށް ދެވުނު ފައިޓުން ގޭމްސްގައި ކާމިޔާބަކާ ހަމަޔަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް،" ޢަލީ ރަޝިދު ވިދާޅުވި އެވެ.

ތަމްރީނު ޕްރޮގްރާމް ނިންމާލުމަށްފަހު ޗައިނާގެ ކޯޗް މާދާމާ ފުރާނެ ކަމަށާއި ގޭމްސްއަށް ޓީމު ދާނީ ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗް ލަންކާގެ ޗަނިންދާއާއެކު ކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ.