އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާ ބައިނަލް އަގުވާމީ އާޓް ފެސްޓިވަލެއްގައި ބައިވެރިވުމަށް ރާއްޖޭގެ 20 އާޓިސްޓަކު އެގައުމަށް ހިނގައްޖެ އެވެ.

"ސޫރަޖްކަންދު އިންޓަނޭޝަނަލް އާޓްސް އެންޑް ކްރާފްޓްސް ފެސްޓިވަލް"ގެ ނަމުގައި ބާއްވާ އެ ފެސްޓިވަލްގައި ބައިވެރިވާ އާޓީސްޓުން އެގައުމަށް ދިޔައީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އެހީތެރިކަމާ އެކުގަ އެވެ.

ސޫރަޖް ކަންދު ފެސްޓިވަލްގައި ބައިވެރިވުމަށް އިންޑިއާ އަށް ދިޔައީ ބިންދަބިން ނަމަކަށް ކިޔާ ބޮޑުބެރު ގްރޫޕެއްގެ 14 މީހުންނާއި އައްޑޫ ވޮމެންސް އެސޯސިއޭޝަންގެ އަތްތެރި މަސައްކަތްކުރާ ހަ އަންހެނުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ އެ އާޓިސްޓުންނާ ހުކުރު ދުވަހު ބައްދަލުކުރެއްވި ކަމަށެވެ. އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އާޓިސްޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖޭގެ އާޓިސްޓުންނަށް ހުނަރު ދައްކައިލުމުގެ އިތުރު ފުރުސަތުތަކާއި ތަމްރީނު ފުރުސަތުތައް ހައިކޮމިޝަނުން ފަހިކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ސަގާފީ ގުޅުމަށް އެއީ މުހިއްމު ކަމެއް ކަމަށެވެ.

ބޮޑުބެރުގްރޫޕާއި އަތްތެރި މަސައްކަތްކުރާ އަންހެނުން އެ ބައްދަލުވުމުގައި މިޝްރާއަށް ޝުކުރުއަދާކުރި އެވެ.