31 Jan 2016, 16:05
ވައްކަމުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 2:30 ހާއިރު މަރުވެފައި ވަނީ، ސ.ހުޅުދޫ، ވިޝާހް އަލީ އެވެ.
ވިޝާހް މަރުވެފައި ވަނީ ލިވާ އަށް ދިމާވި މައްސަލައަކަށް ފަރުވާ ކުރަމުން ދަނިކޮށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒް ސަން އަށް ވިދާޅުވީ އޭނާ އަކީ ވައްކަމުގެ މައްސަލައެއްގައި ފަސް އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރު ވެއްޖެ ކަމަށް ރަމީޒް ވިދާޅުވި އެވެ.
ވިޝާހް ހުން އައިސްގެން ޖަލު ޑޮކްޓަރަށް ދެއްކުމުން، މާލެއަށް ދެއްކުމަށް އެންގީ މި މިދިޔަ ބުދަ ދުވަހު އެވެ. އަދި އައިޖީއެމްއެޗް އިން އޭނާ ބެލި ޑޮކްޓަރަށް އޭނާގެ ލިވާ ގައި މައްސަލައެއް އުޅޭކަން ފާހަގަވުމުން އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އޮފިޝަލް ވިދާޅުވީ ގައިދީ މަރުވެފައި ވަނީ ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.