19 Apr 2011, 18:57
ހެވީލޯޑް ކުންފުންޏާ ހަވާލުކޮށްގެން ތިލަފުށީ ބިމުން 130 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އިން އަންގާފައިވަނިކޮށް އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންގޮސް މިހާތަނަށް 16 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް [ޓީސީއެލް] އިން މިއަދު ބުނެފި އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި 21 މިލިއަން ޑޮލަރަށް 130 ހެކްޓަރުގެ ބިން ތިލަފުށީ ފަޅުން ހިއްކުމަށް ހެވީލޯޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތާ ގުޅޭ ގޮތުން ޓީސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒު މިއަދު ވިދާޅުވީ، ތިލަފުށީ ބިމުން މިހާރު ވެސް 16 ހެކްޓަރުގެ ބިން ހެވީލޯޑުން ހިއްކައި ނިންމާފައިވާ ކަމަށާއި ބާކީ އޮތް 114 ހެކްޓަރުގެ ބިން ވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ ކަމަށެވެ.
"ކަނޑައެޅިފައި އޮތް ގޮތަށް ބުރުލެއް ނާރާ މަސައްކަތް ކުރިއަށް އެބަދޭ،" ރިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ޗެއާ ކުރައްވާ ހެވީލޯޑާއި އެ މަސައްކަތް މިދިޔަ ފެބުރުއަރީ 12 ވަނަ ދުވަހު ހަވާލުކުރުމުން އޭސީސީން ވަނީ އެޕްރޮޖެކްޓް އެ ކުންފުންޏަށް ދިނުމުގައި ހިޔާނާތުގެ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ޓީސީއެލް އަށް އަންގައިފަ އެވެ. ނަމަވެސް އެ އެންގުމަށް އިންކާރުކޮށް ޓީސީއެލް އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވައްދައިފަ އެވެ.
ފަހަކަށް އައިސް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ތިލަފުށީގައި ކުރިއަށްގެންދާ އެ މަސައްކަތާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ވެލިނަގަން ގެންގުޅޭ ޑްރެޖަރުގެ ދަތްގަނޑު ހަލާކުވުމުން ޑްރެޖަރު މަރާމާތު ކުރަން ޖެހުމުން ހިއްކުމުގެ މަސައްކަތް ދިހަ ވަރަކަށް ދުވަހަށް މަޑުޖެހިފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަލުން މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހިސާބަކީ ކުރިން ބޮޑަތި ބޯޓުތައް ފެތިފައި ހުރި ހިސާބަކަށް ވާތީ ދަގަނޑު އެއްޗިހި ބުލޭޑްގައި [ދަތްގަނޑުގައި] ތާށިވަނީ އެހެންވެ މައްސަލަ ޖެހުނީ. ޑްރެޖަރުގެ މަސައްކަތް ނޫނީ އެތަން އެއްވަރު ކުރުމާ ފެންސްޖެހުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ޑްރެޖަރުގެ މަސައްކަތް މެއިންޓަނެންސް ނިންމާފައި ދެ ދުވަހެއް ތެރޭގައި ފަށާނަން،" ރިޔާޒް ވިދާޅުވި އެވެ.
އެ މަސައްކަތް ފަށައިގެން ބާރު ސްޕީޑްގައި ކުރިއަށްދާ އިރު ސިޔާސީ ފަރާތްތަކުން ގެންދަނީ އެ ޕްރޮޖެކްޓަކީ ރީކޯ މޫސާ މަނިކަށް ފައިދާ ހޯދައިދޭން ބާރާއި ނުފޫޒުން ހެވީލޯޑަށް ދީފައިވާ ޕްރޮޖެކްޓެއް ކަމަށް ބުނަމުންނެވެ. ނަމަވެސް ހެވީލޯޑާއި ތިލަފުށީގެ މަސައްކަތް ހަވާލުކުރި ދުވަހު ރިޔާޒް ވިދާޅުވީ އެ ޕްރޮޖެކްޓް ހެވީލޯޓަށް ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނުވާނެ ކަމަށެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް އެ މަސައްކަތް ހެވީލޯޑާއި ހަވާލުކުރިކަން ޓީސީއެލްގެ ޗެއާމަން މުހަންމަދު ޝަހުދީ އަންވަރަށް އެނގިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް ވެސް ވަނީ ލީކްވެފަ އެވެ. އަދި އޭނާ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާކަން ވެސް އެ އޯޑިއޯ އިން އެގެ އެވެ.