31 Jan 2016, 15:48
އަލަށް ތައާރަފް ކުރި ރަންދިހަ ފަހެއްގެ ނޫޓުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް، އަނެއްކާވެސް ފިހާރަތަަކަށް ދިއުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބެންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އާ ނޫޓުތައް ނެރުމުގެ ކުރިންވެސް އެމްއޭއިން ވަނީ އާންމުން ހޭލުންތެރި ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެމްއެމްއޭގައި އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ ވަގު ނޫޓު އުފައްދަން މަސައްކަތް ކުރަމުން ދާތީ އަނެއްކާވެސް އާންމުން ހޭލުންތެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ވަގު ނޫޓެއް ފެނިފައި ވަނީ ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭ އަކުންނެވެ. އެ ކެފޭ އިން ފެނިފައިވަނީ 500 ރުފިޔާގެ ނޫޓެކެވެ. އެމްއެމްއޭއިން ބުނީ އެނޫޓަކީ 10 ރުފިޔާގެ ނޫޓެއްގެ ކުލަ ދުއްވާލުމަށްފަހު އޭގެ މައްޗަށް 500 ރުފިޔާގެ ޕްރިންޓެއް ނަގާފައިވާ ނޫޓެއް ކަމަށެވެ.
އެމްއެމްއޭ އިން މިފަހަރު ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަމާޒުކުރާނީ ކުދި ވިޔަފާރި ތަކަށެވެ.
އެމްއެމްއޭ އިން ބުނީ އާ ނޫޓުގެ ވަގު ނޫޓު ހެދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ސަލާމަތީ ފީޗާސްތަކުގެ ތަފްސީލު
ކްލިއާ ވިންޑޯ:މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފަ.
ހިޑެން ނަންބާސް:ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.
މާސްކްޑް ލެޓާ:ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.
އިރިޑިސެންޓް ޕެޓާން:ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.
ސްޕާކް އިންކް:މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.
ޓެކްސްޓައިލް ޑޮޓްސް:ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.