31 Jan 2016, 15:21
ބްރަސެލްސް (ޖެނުއަރީ 31): ފާއިތުވި 25 އަހަރުތެރޭގައި މުޅި ދުނިޔެއިން ގާތްގަނޑަކަށް 2،300 ނޫސްވެރިން މަރާލާފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ނެރުނު ރިޕޯޓެއްގައިވެ އެވެ.
މަރާލާފައިވާ ނޫސްވެރިންގެ އަދަދުތައް އައިއެފްޖޭ އިން އެންމެ ފުރަތަމަ ބަލަން ފެށި 1990 ވަނަ އަހަރު މަރާލީ 40 ނޫސްވެރިންނެވެ. ނަމަވެސް، 2010ގެ ފަހުން ކޮންމެ އަހަރަކު 100 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާ ކަމަށް އެރިޕޯޓުގައިވެ އެވެ.
"ފާއިތުވި 10 އަހަރަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އަހަރުތައް. އެގޮތުން އެންމެ ނުރައްކާތެރި އަހަރު، 2006ގައި 155 ނޫސްވެރިން މަރާލާފައިވޭ،" އައިއެފްޖޭގެ ޖެނެރަލް ސެކްރެޓަރީ އެންތަނީ ބެލަންގާ ވިދާޅުވި އެވެ.
އައިއެފްޖޭ އިން އެފަދަ ރިޕޯޓެއް އެކުލަވާލީ ޔޫއެން ފަދަ ޖަމްއިއްޔާތަކުން ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނި ނަމަވެސް، ނޫސްވެރިންނަށް ދޭހަމަލާތަކާ ދެކޮޅަށް އެކަށީގެންވާ ވަރަށް ފިޔަވަޅު ނޭޅޭތީ ކަމަށް އައިއެފްޖޭން ބުންޏެވެ.
އައިއެފްޖޭއިން ބުނާ ގޮތުގައި އެރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދަނީ 140 ވަރަކަށް ގައުމުތަކުގެ ފުލުހުންގެ މައުލޫމާތުންނާއި ސިޔާސީ ރިޕޯޓުތަކަށް ބަލައިގެންނެވެ.
ފާއިތުވި 25 އަހަރު ތެރޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިރާގެވެ. އެގައުމުގައި 309 ނޫސްވެރިން މަރާލާފައިވެ އެވެ. ދެވަނައަށް އެންމެ ނުރައްކާތެރި ގައުމަކީ 146 ނޫސްވެރިންގެ މަރާއެކު ފިލިޕީންސް އެވެ. ސަތޭކަވިހި ނޫސްވެރިންގެ މަރާއެކު ނޫސްވެރިންނަށް ތިން ވަނަ އަށް އެންމެ ނުރައްކާތެރި ގައުމަކީ މެކްސިކޯ އެވެ. (އޭޕީ)