31 Jan 2016, 16:56
ނ. މިލަދޫ ކައުންސިލް އުވާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މިއަދުގެ ވަގުތެއްގައި އެލްޖީއޭ އިން ހައި ކޯޓަށް މައްސަލަ ހުށަހެޅީ އެލްޖީއޭގެ ބޯޑުން އެ ކައުންސިލް އުވާލަން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.
އެލްޖީއޭގެ ބޯޑުން މިލަދޫ ކައުންސިލް އުވާލަން ފެންނަ ކަމަށް ނިންމާފައި ވަނީ އެ ކައުންސިލާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ސަބަބުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެލްޖީއޭ އިން ވަނީ މިލަދޫ ކައުންސިލް އުވާލަދިނުމަށާއި، އަދި ކައުންސިލް އުވާލަންދެން އެކައުންސިލް އެކަހެރިކޮށްފައި ބޭއްވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދިފަ އެވެ.
ގާނޫނު ބުނާ ގޮތުން ކައުންސިލެއް އުވާލުމަށް ހައިކޯޓުގައި އެދުމުގެ ބާރު އެލްޖީއޭއަށް ލިބޭނީ ތިން ހާލަތެއް މެދުވެރިވުމުންނެވެ. އެއީ:-
ކައުންސިލްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ތަކުރާރުކޮށް ނުކުޅެދޭނަމަ.
- ކައުންސިލްގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ނަމަ.
- ކައުންސިލުން ކަންކަން ނިންމުމުގައި ކައުންސިލަށް ވަކިގޮތަކަށް އެއްބަސްވުމަށް ތަކުރާރުކޮށް ހުރަސްއެޅި ނުވަތަ ކައުންސިލްގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށް ހުރަސްއެޅި ކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
ކައުންސިލްގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމަށް ނުކުޅެދޭ ނަމަ، ކައުންސިލެއް އުވާލުމަށް ކޯޓުން ކަނޑައަޅަންވާނީ ކައުންސިލްއުވާލުންނޫން އެހެން ގޮތެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ އެވެ.
ހަމައެއާއެކު ކޯޓުން ކައުންސިލެއް އުވާލައިފިނަމަ، އެ ކައުންސިލެއް އުވާލާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި އަލުން ކައުންސިލަށް މެންބަރުން އިންތިހާބުކޮށް ނިންމަންވާނެ ކަމަށާއި، އަލުން އިންތިހާބެއް ބޭއްވި ކައުންސިލަށް މެންބަރުން އިންތިހާބުކުރެވެންދެން ކައުންސިލް ވަގުތީގޮތުން ހިންގާނެ ބަޔަކު އައްޔަންކުރާނީ އެލްޖީއޭ އިން ކަމަށްވެސް ގާނޫނުގައިވެ އެވެ.
އެ ރަށު ކައުންސިލްގައި ހުރި މައްސަލަތައް ބެލުމަށް ސިވިލް ސާވިސް ކޮމިޝަނާއި އެލްޖީއޭގެ ޓީމެއް އަންނަ ހަފުތާގައި އެރަށަށް ދަތުރު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.