އައްމާން (ޖެނުއަރީ 31): މީގެ ހަތަރު މަސް ކުރިން ރަޝިއާ އިން ސީރިޔާއަށްދޭން ފެށި ވައިގެ ހަމަލާތަކުގައި އެގައުމުގެ 1،400 ވަރަކަށް އާއްމުން މަރާލާފައިވާ ކަމަށް ސީރިޔާ ހަނގުރާމަ މޮނިޓާ ކުރަމުންދާ ގުރޫޕަކުން ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ސީރިޔާގައި ތިބި ބައެއް ފަރާތްތަކާ ހަވާލާދީ ބުނި ގޮތުގައި ރަޝިއާ އިން ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން މަރުވި އައިއެސްގެ ހަނގުރާމަވެރިންގެ އަދަދު 965 އަށް އަރަ އެވެ. އަދި އެހަމަލާތަކުގައި އެހެން ޖަމާއަތްތަކަށް ނިސްބަތްވާ 1،233 ހަނގުރާމަވެރިން ވެސް މަރާލާފައިވެ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވެ، ރަޝިއާ އިން ސީރިޔާއަށް ވައިގެ ހަމަލާތައް ދޭންފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ދެ ގައުމުގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސީރިޔާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ވަނީ ވަރަށް ބޮޑަށް ފަހަތައް ޖައްސާފަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރަޝިއާ އިން ބުނާ ގޮތުގައި އެގައުމުން ވައިގެ ހަމަލާތައް ދެނީ އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށެވެ. ނަމަވެސް، އެގައުމުގެ އާއްމުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒު ވަނީ އާއްމުންނަށެވެ. (އޭއެފްޕީ)