ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ އިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އިނާޔަތްތަކެއް ދިނުމަށް ފަހު، އެ މުވައްޒަފުންނަށް ވަޒީފާ އިން ވަކިވެވޭނެ ގޮތް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެކަން އެ ގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުންނަށް، ހިންގާ ޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް ހަތަރު ގޮތެއް އިޚްތިޔާރު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ފުރަތަމަ ގޮތަކީ، އެ ޕްރޮގްރާމްގެ ދަށުން އެއްވެސް އިނާޔަތަކާ ނުލައި ވަޒީފާ އިން ވީއްލުމެވެ. ދެވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭ ގޮތަށް ވަޒީފާ އިން ވީއްލުމެވެ. ތިން ވަނަ ގޮތަކީ، ގަނޑުކޮށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ލިބޭ ގޮތަށް އަދި ސަރުކާރުން ހިންގާ މެދު އަދި ކުދި ފަންތީގެ ވިޔަފާރި ލޯން ޕްރޮގްރާމްގައި ބައިވެރިވުމަށް އިސްކަން ލިބޭނެ ގޮތަށް ވަޒީފާއިން ވީއްލުމެވެ. މިގޮތް ހިޔާރު ކުރެވޭނީ، އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މުވައްޒަފުންނަށެވެ. ހަތަރުވަނަ ގޮތަކީ، ގަނޑުކޮށް ދެލައްކަ ރުފިޔާ ލިބޭ ގޮތަށް އަދި ސަރުކާރުން ހިންގަވާ ސްކޮލާޝިޕް ޓްރޭނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިސްކަން ލިބޭ ގޮތަށް ވަޒީފާ އިން ވީއްލުމެވެ. މިގޮތް ހިޔާރު ކުރެވޭނީ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ދިނުމަށް ކަނޑައަޅާފައިވާ އިނާޔަތްތަކާ އެކު، ވީއްލުމަށް އެދި ހުށަހެޅޭނީ، ސިވިލް ސާވިސްގެ މުވައްޒަފުންނަށާއި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަޒީފާ ދީފައިވާ މުވައްޒަފުންނަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ވީއްލުމަށް އެދޭ މުވައްޒަފަކީ، އުމުރުން 55 އަހަރުން މަތީގެ މުވައްޒަފެއް ނަމަ، އިނާޔަތް ދެވޭނީ، އުމުރުން 55 އަހަރުވުމުން، ސިވިލް ސާވިސް ކޮމިޝަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ދޫކޮށްލާ މީހުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"ޤާނޫނު ނަންބަރު 76/29ގެ ދަށުން ވަކި މުއްދަތަކަށް ސަރުކާރަށް ޚިދްމަތް ކުރަން ޖެހޭ މުވައްޒަފަކަށް ވެސް، މި ޕްރޮގްރާމްގެ ދަށުން އިނާޔަތްތަކާ އެކު ވަޒީފާ އިން ވީއްލިދާނެ. މި ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވީއްލުމަށް އެދޭ މުވައްޒަފަކީ، ކޯހަށް ހިނގި ޚަރަދު ނުވަތަ ކޯހަށް ހިނގި ޚަރަދުގެ އިންސައްތައެއް ސަރުކާރަށް ދައްކާ ގޮތަށް ކޯސް ފުރިހަމަކޮށްފައިވާ މުވައްޒަފެއް ނަމަ، ސަރުކާރާ އެކު އެއްބަސްވެފައިވާ ގޮތުގެ މަތިން، އެފައިސާ ސަރުކާރަށް އަނބުރާ ދައްކަން ޖެހޭނެ،" ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން ވީއްލޭ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން އަހަރު، ދައުލަތުގެ އަދި ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ ވަޒީފާ އަކަށް ނުދެވޭ ގޮތަށް ވެސް ވަނީ ކަނޑައާޅާފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުން އަމަލު ކުރައްވަންވީ ގޮތް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިން މާދަމާ އިއުލާނު ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އަދި އެފަދަ މުވައްޒަފުން ފުރިހަމަ ކުރަން ޖެހޭ ފޯމް ފުރިހަމަކޮށް، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފަ އެވެ.