އަށާރަ އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ފިފާގެ ޤަވާއިދުތަކާ ޚީލަފަށް އަމަލުކޮށްފައި ވާތީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެޅި ޓްރާންސްފާ ސަސްޕެންޝަންގެ ފިޔަވަޅު ވަގުތީ ގޮތުން މަޑުޖައްސާލުމަށް ފީފާއިން ނިންމައިފި އެވެ.

ފީފާއިން މިގޮތަށް ނިންމައިފައި ވަނީ މައްސަލަ އިސްތިއުނާފު ކުރުމަށް އެ ދެ ކުލަބުން ހުށަހެޅި އިސްތިއުނާފުގެ ނުކުތާތައް މުރާޖާ ކުރުމުގެ ގޮތުންނެވެ.

ފީފާގެ އައު ނިންމުމުން ދެމިއޮންނާނީ މި މައްސަލައިގެ އިސްތިއުނާފް ކޮމިޓީން ވަކި ގޮތެއް ނިންމުމާ ހަމަޔަށެވެ.

މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހާ ހަމަށް އިސްތިއުނާފު ކޮމިޓީން ވަކިގޮތެއް ނުނިމިއްޖެނަމަ ޖޫންގައި ކުރިމަތިވާ ހޫނު މުސޫމުގެ ޓްރާންސްފާ ވިންޑޯގައި ވެސް އެ ދެ ޓީމަށް ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރުގައި ހަރަކާތްތެރި ވެވޭނެއެވެ.

ފީފާއިން މިމަހު ކުރީ ކޮޅު ނިންމަފާއި ވަނީ އެ މައްސަލައިގެ އަދަބެއްގެ ގޮތުން 2017 ވަނަ އަހަރާއި ހަމަޔަށް ރެއާލްއަށާއި އެތުލެޓީކޯއަށް އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށެވެ.

ނަމަވެސް އެ ނިންމުމުގައި މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ޓްރާންސްފާގެ ބާޒާރުގެ މުއްދަތެއް ނުހިމެނެއެވެ.

ރެއާލްއާއި އެތުލެޓީކޯއިން ވެސް ވަނީ ފިފާއިން އެގޮތަށް ނިންމައި އެ ދެކުލަބަށް އެކަން އަންގާފައިވާ ކަމަށް ބުނެފަ އެވެ.

ފީފާއިން ވަނީ މިދިޔަ އަހަރު ވާދެވެރި ބާސެލޯނާއާ ދެކޮޅަށް ވެސް މި ފިޔަވަޅު އަޅާފައެވެ. ފީފާއިން ބާސާއާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ މިއަހަރުގެ ޖަނަވަރީ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. އެފިޔަވަޅުގެ ސަބަބުން މިދިޔަ އހަރު ޖޫން މަހު އެޓިމުން ސޮއި ކުރިވި ތުރުކީގެ އާދަ ތުރާންއާއި ވިޑާލްއަށް ބާސާގެ ޖޯޒީގައި ކުޅުމުގެ ފުރުސަތު ލިބިފައިވަނީ މިއަހަރު އެވެ.