31 Jan 2016, 22:19
ލަންޑަން (ޖެނުއަރީ 31):އިނގިރޭސިވިލާތުގެ ރައްޔިތުން މުސްލިމުންނާ މެދު ދެކޭ ނޭދެވޭ ގޮތްތައް ބަދަލުކުރުމަށްޓަކައި އެގައުމުގެ ބައެއް މިސްކިތްތައް އާއްމުންނަށް ހުޅުވާލުމަށް މުސިލިމް ކައުންސިލް އޮފް ބްރިޓެއިން (އެމްސީބީ)ން ނިންމައިފި އެވެ.
ފެބްރުއަރީ ހަތްވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް "ވިޒިޓް މައި މޮސްކް"ގައި އިނގިރޭސިވިލާތުގެ 80 މިސްކިތަކުން ބައިވެރިވާނެ ކަމަށް އެމްސީބީން ބުންޏެވެ.
"އެއީ އިނގިރޭސިވިލާތުގެ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން އެކަކު އަނެކަކާ ބައްދަލުކޮށް، ދެނެގަނެ، ކުށްހީތައް ސާފުކުރުމަށާއި ގުޅުން ބަދަހި ކުރުމަށް ދެވޭ ފުރުސަތެއް،" އެމްސީބީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އަދި މިސްކިތަށް ޒިޔާރާތް ކުރާ ހުރިހާ ފަރާތްތަކަށް އިސްލާމް ދީނާ ބެހޭ ގޮތުން ސުވާލު ކުރުމާއި މިސްކިތް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި މިސްކިތް ބަލަހައްޓާ ފަރާތްތަކާއި އެހެން މުސްލިމުންނާއެކު ސައި ބުއިމުގެ ފުރުސަތުވެސް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެމްސީބީން ބުންޏެވެ.
އިނގިރޭސިވިލާތުގެ އާބާދީގެ 2.7 މިލިއަން މީހުންނަކީ މުސްލިމުންނެވެ. އެއީ އެގައުމުގެ އާބާދީގެ ފަސް ޕަސެންޓަށް ވުރެވެސް ކުޑަ އަދަދެކެވެ.
މީގެ ކުރިން ފްރާންސުންވެސް ވަނީ އެގައުމުގެ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާމެދު ގުޅުން ބަދަހިކުރުމަށް އެފަދަ އިވެންޓެއް ބާއްވާފަ އެވެ. (އަލްޖަޒީރާ)