އެލައިޑް އިންޝުއަރެންސް ކުންފުންޏަށް 31 އަހަރު ފުރުނު އަހަރީ ދުވަސް ކަމަށްވާ ޖެނުއަރީ 30 ވަނަ ދުވަހު ރާއްޖޭގައި އުފަންވި ހުރިހާ ކުދިންނަށް އެ ކުންފުނިން އިންޝްއަރެންސް ޕްލޭނެއް ދީފި އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އިއްޔެ އުފަންވީ ކުދިންނަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ 'ޗައިލްޑް އެޑިއުކޭޝަން 'ޕްލޭން ލިބޭނެ ކަމުގެ އެޝުއަރެންސް ލެޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އިއްޔެ އަތޮޅުތަކުގައި ވެސް އިއްޔެ އުފަންވީ ކުދިންގެ ރެކޯޑް ހިފައިގެން ބެލެނިވެރިން އައުމުން އިންޝުއަރެންސް ޕްލޭން ލިބޭނެ ކަމަށެވެ.

އެލައިޑުން ދިން އިންޝުއަރެންސް ޕްލޭން އެކުންފުނިން ހިލޭ ދެނީ ތިން މަސް ދުވަހަށެވެ. އޭގެ ފަހުން އެ ޕްލޭން ކުރިއަށް ގެންދަން ބޭނުންވާ ނަމަ ޕްރެމިއަމް ދައްކަން ޖެހޭނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

"... އަޅުގަނޑުމެން މީގައި މިދެނީ ތިން މަސް ހިލޭ. ތިން މަހުގެ ފީ އަޅުގަނޑުމެން މި ކަނޑާލަނީ. ނަމަވެސް މީތި ކުރިއަށް ގެންދެވޭނީ ތިން މަސް ފަހުން ތިޔަ ބޭފުޅުން އެއަށް ފައިސާ ދެއްކެވީމައޭ. އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑު ލުޔެއް މިދެނީ. ގާތްގަނޑަކަށް އެވްރެޖްކޮށް 4000 އާއި 5000 އެއްހާ ރުފިޔާގެ ޑިސްކައުންޓެއް،" އައިޖީއެމްއެޗްގައި އިއްޔެ އުފަންވީ ކުދިންގެ ބެލެނިވެރިންނާ މުހާތަބު ކުރައްވައި އޭނާ ވިދާޅުވި އެވެ.

އެލައިޑުގެ ޗައިލްޑް އެކްސްޕެންސަސް އެޑިއުކޭޝަން ޕްލޭން ލިބޭނެ ކަމުގެ އެޝުއަރެންސް ލެޓާއާ އެކު ތުއްތު ކުދިންނަށް އެ ކުންފުނިން ހަދިޔާ ބާރުސަލެއް ވެސް ދިނެވެ. އައިޖީއެމްއެޗްގައި އިއްޔެ އުފަންވީ ފަސް ކުދިންނެވެ. އައިޖީއެމް އެޗަށް ފަހު އެލައިޑް އިން ވަނީ އޭޑީކޭ އަށް ޒިޔާރަތްކޮށް އެތަނުގައި އުފަންވި ހަތް ކުދިންގެ ބެލެނިވެރިންނާ ވެސް އެޝުއަރެންސް ލެޓާއާއި ޕާރުސަލް ހަވާލުކޮށްފަ އެވެ.

ޗައިލްޑް އެކްސްޕެންސަސް އެޑިއުކޭޝަން ޕްލޭންގައި ބައިވެރިކޮށްފައިވާ ކުދިންގެ އުމުރުން 18 އަހަރު ވުމުން އެ ކުދިންގެ މަތީ ތައުލީމަށް ހަރަދު ކުރުމަށް ޕްލޭން ނެގި ފަރާތްތަކުން އިޚުތިޔާރުކޮށްފައިވާ އަދަދަށް ފައިސާ ލިބޭނެ އެވެ. ޕްރެމިއަމް ދައްކަން ހުންނަ ބެލެނިވެރިޔާ އަށް ކަމެއް ދިމާވެ، މަސައްކަތް ނުކުރެވޭ ގޮތް ވިޔަސް ނުވަތަ ނިޔާވިޔަސް އެފައިސާ ލިބޭނެ އެވެ.

އެލައިޑުން ދޫކުރާ ޗައިލްޑް އެޑިޔުކޭޝަން ޕްލޭންގައި ހިމެނެނީ 100،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާއާ ހަމައަށެވެ. އަދި 100،000 ރުފިޔާގެ ޕޮލިސީއެއް ނަގާ ނަމަ މަހަކު ދައްކަން ޖޭހޭނީ 650 ރުފިޔާ އެވެ.